ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މެންބަރަކު ގާނޫނާހިލާފްވުމުން އެއްލައްކަ ރުފިޔާއިން ޕާޓީ ޖޫރިމަނާ ކުރަނީ
ޚަބަރު

މެންބަރަކު ގާނޫނާހިލާފްވުމުން އެއްލައްކަ ރުފިޔާއިން ޕާޓީ ޖޫރިމަނާ ކުރަނީ

އއަހުމަދު މުހައްމަދު30 އޮކްޓޯބަރު 2024
ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން  ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނުއިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ފޮނުވައިފިއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި މިހާރު އޮންނަނީ، ގާނޫނާހިލާފްވާ މެންބަރަކު -/30,000 ރުފިޔާ އާއި -/75,000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އެ މާއްދާއަށް ގެންނަނަ ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އިންތިހާބެއްގައި ވާދަކުރުމަށް ޕާޓީ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރި މެންބަރަކަށް އެހެން ހައިސިއްޔަތަކުން އެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ގާނޫނުގައި އޮތް މާއްދާ އުނިކުރަންވެސް ބިލްގައި ހިމަނާފައިވެއެވެ. ގާނޫގެ 10 ވަނަ މާއްދާގައި މިހާރު އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ބިލްގައި ހުށަޅާފައި ވަނީ އެ މާއްދާ އުވާލުމަށެވެ. މީގެ އިތުރުން  ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެކަމަށްވެސް ވަނީ ހިމަނައިފައެވެ. ގާނޫނުގައި މިހާރު އޮންނަނީ އެފައިސާއަކީ އަހަރީ ބަޖެޓްގެ، %0.1 އާއި %0.2 އާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެކަމަށެވެ. މީގެ އިތުރުން ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ފޯމަށް ބަދަލުތަކެއް ގެންނަންވެސް މި ބިލުގައި ހިމަނާފައިވެއެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލްގެ ފުރަތަމަކިއުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ގުޅުންހުރި ޚަބަރު