ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ވެރިކަން ކުރެވޭތޯ މިބަލަނީ ޤުރުއާނާއި ސުންނަތަށް ބަލައިގެން: ރައީސް
ޚަބަރު

ވެރިކަން ކުރެވޭތޯ މިބަލަނީ ޤުރުއާނާއި ސުންނަތަށް ބަލައިގެން: ރައީސް

މމުހައްމަދު އަލީ11 ނޮވެމްބަރު 2024
ވެރިކަންކުރައްވަން މަސައްކަތްޕުޅުކުރައްވަނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޤުރުއާނާއި ސުންނަތުގެ އިތުރުން އެމަނިކުފާނުގެ ބައްޕާފުޅު، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ ފޮތް، "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު" އަކީ  ވެރިކަން ކުރުމުގައި ބައްލަވާ ގައިޑްބުކް ކަމުގައެވެ. "ވަލިއްޔުލްއަމްރު ނުވަތަ ރައީސުއްދައުލާއަކީ ވަކި މުއްދަތަކަށް ރައްޔިތުން އެބައިމީހުންގެ މަޞްލަޙަތުތައް ބަލަހައްޓައި ހިންގުމަށް ޙަވާލުކޮށްފައިވާ ހަވާލްދާރެކެވެ. ވަކީލެކެވެ. އަދި ޚާދިމެއް މެއެވެ. ވީމާ، އެކަން އޭނާގެ ހުރިހާ ޢަމަލަކާއި މުޢާމަލާތަކުން ފެންނަންވާނެއެވެ. އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތައް ފިޔަވައި އެއްވެސް ޙާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑުކަން އެކިއެކި މަޒާހިރުތަކުން ދައްކައި އެމީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެއެވެ. އެއީ ކުރަންހެޔޮނުވާނޭ ކަމެކެވެ. އަދި ޤައުމުގެ ސިޔާދަތު ލިބިގެންވާ ޙަޤީޤީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހިތިބެގެންވެސް ނުވާނެއެވެ." ބައްޕާފުޅުގެ ފޮތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުގެ ޢަމަލުތައް ބައްޓަންކުރައްވާފައިވަނީ އެކަން ހަނދުމަފުޅުގައި ބަހައްޓަވައިގެންކަމަށެވެ. އެގޮތުން، މަސައްކަތްކުރައްވާފައިވާނީ ރައްޔިތުންގެ އަޑުއައްސަވައިގެން، ރައްޔިތުންނަށްޓަކައިކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު ސިޔާސީ ވާދަވެރީން ދުރަށްލައި އެއްފަރާތްކުރި ޒަމާން ނިމިއްޖެ ކަމަށެވެ. އެ މަނިކުފާނު މައްސަލަތައް ބައްލަވާނީ ކޮމިޝަންތައް ހައްދަވައިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އެކަން ކުރާނީ (މައްސަލަތައް ބައްލަވާނީ) ޤާއިމުކުރެވިފައިވާ ނިޒާމްތަކުގެ ތެރެއިންކަމަށް ވެސް ރައީސްވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފާއިތުވި 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާނީ، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމަކީ ލިބޭ މޮޅުކަމެއް ނޫންކަމަށެވެ. އަދި އެއީ ލިބޭ މުދާގަނޑެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ވެރިކަމަކީ ބުރަ މަސްއޫލިއްޔަތަކާއި ބޮޑު ޒިންމާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރަށް ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަހާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ދުވަހަކާއި ވެރިކަމެއް ކަމަށެވވެ.  

ގުޅުންހުރި ޚަބަރު