ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސިނގެރެޓް ބޯ ތަންތަނުގެ ހުއްދަ ބާތިލުކުރާ ބިލް ފާސްކޮށްފި
ޚަބަރު

ސިނގެރެޓް ބޯ ތަންތަނުގެ ހުއްދަ ބާތިލުކުރާ ބިލް ފާސްކޮށްފި

އއަހުމަދު މުހައްމަދު12 ނޮވެމްބަރު 2024
ވޭޕް މަނާކޮށް، ނުގަވައިދުން ސިނގިރޭޓް ބޯ ތަންތަނުގެ ވިޔަފާރި ހުއްދަ ބާތިލުކުރަން ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު،ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި، އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާކަމެކެވެ. ސިނގިރޭޓް ބުއިން މުޅިން މަނާކޮށްފައިވާ ތަނެއްގައި، ދުންފަތުގެ އިސްތިއުމާލްކޮށްފި ނަމަ، އަދި އެ ތަނަކީ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޯށްދޭ ތަނެއް ނަމަ، އެކަން ކުރި ފަރާތާއި، އެތަނެއްގެ ވެރިފަރާތް ނުވަތަ އެތަނެއް ހިންގާ ފަރާތް މި ގާނޫނުގައި ބުނާ ޖޫރިމަނާ ކުރުމުގެ އިތުރުން، އެތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބިލުގައިވެއެވެ. އެގޮތުން ކުރާ ޖޫރިމަނާގެ މިންވަރު 1000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ހަމައަށް އަރާ ކަމަށް ބިލުގައިވެއެވެ. ބިލުގައިވާގޮތުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެފަދަ ތަކެތި އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ބިލުގައި، ދުންފަތުގެ ބާވަތެއް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުން 21 އަހަރަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. އެ ބިލުގައިވާ ގޮތުން، އެ ނިންމުން ތަންފީޒު ކުރާނީ މިމަހުގެ 15 އިން ފެށިގެންނެވެ. މިމަހުގެ 15 އިން ފެށިގެން ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ނިންމައި، އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރުމަށް ބިލްގައި ވަނީ ހިމަނައިފައެވެ. ދުންފަތުން ދުރުހެލިވުމަށް "ސްޓޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކަކީ، ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ގުޅުންހުރި ޚަބަރު