ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ބަޖެޓު ބަހުސަށް މިރޭ އެގާރައަށް އިތުރުކޮށްފި
ޚަބަރު

ބަޖެޓު ބަހުސަށް މިރޭ އެގާރައަށް އިތުރުކޮށްފި

އއަހުމަދު މުހައްމަދު13 ނޮވެމްބަރު 2024
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަދައްކަވަން ބޭނުންވެވަޑައިގަންނަވާ މެންބަރުންނަށް ފުރުސަތު ދެއްވުމަށްޓަކައި މިރޭ 11:00 އާ ހަމައަށް ޖަލްސާ ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައި ވަނީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ހަ މެންބަރަކު ވާހަކަ ދެއްކެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، މިރޭ 11:00 އާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މާދަމާގެ ޖަލްސާގެ ވަގުތުވެސް އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއަދާއި މާދަމާގެ މަޖިލިސް ޖަލްސާގެ ވަގުތުއިތުރު ކުރުމަށް މަޖިލީހަށް ހުށަހެޅުއްވިއެވެ. ޖަލްސާގެ ވަގުތު އިތުރުކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ. އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ. އަދި އެދުވަހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓް ހުށަހެޅުއްވުމުން، ދިރާސާކުރުމަށް ޓަކައި ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ނިންމާފައި ވަނީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވުމަށް މަޖިލީހުގެ ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތީން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓުގެ ވަގުތެއް ދޭން ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ބެޖެޓް ކޮމެޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކޮމެޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ޚަބަރު