ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ބަޖެޓް ދޮގުކުރާ މެންބަރަކު އަންނަ ދައުރަށް ނުހޮވޭނެ: ފަލާހު
ޚަބަރު

ބަޖެޓް ދޮގުކުރާ މެންބަރަކު އަންނަ ދައުރަށް ނުހޮވޭނެ: ފަލާހު

އއަހުމަދު މުހައްމަދު14 ނޮވެމްބަރު 2024
އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ، ގޯސް ބަޖެޓެއް ކަން ފާހަގަކޮށް ބަޖެޓް ދޮގުކުރާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު، ކުރިއަށް އޮތް މަޖިލީހަށް ނުހޮވޭނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަން ހުށަހެޅި އެންމެ ރަނގަޅު ބަޖެޓް ކަމަށާއި އެވަރުގެ ބަޖެޓެއް ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށެވެ. "އެހެންކަމުން މި ބަޖެޓް ދޮގުކުރާ މެންބަރަކު އަން ދައުރަށް މަޖިލީހަކަށް ނުހޮވޭނެ، ރައްޔިތުން ބަލާނީ އެއީ ގަމާރެއްގެ ގޮތުގައި،" އިދިކޮޅު ފަރާތްތަކަށް ނިސްބަތް ކުރައްވައި ފަލާހު ވިދާޅުވިއެވެ. އެ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފޮތުގައި ހިމެނޭ ހުރިހާ ކަމެއް ސަތޭކަ ޕަސެންޓް ނިންމާލެވޭނެ ބަޖެޓެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ބަޖެޓްގައި ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށާއި، އެކަން ހިމަނާފައި ވަނީ މަޝްރޫއުތައް ފަށަން ނޫން ކަމަށާއި، މަޝްއޫއުތައް ފަށައި ނިންމަން ކަމަށްވެސް ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ މި ބަޖެޓުން ޝިފާ ނުލިބޭނެ އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. ފަލާހު ވިދާޅުވީ، ރައީސް މުއިއްވުޒު ވެވަޑައިގެންނެވި ވައުދުތަކަކީ، މީހުން ދިރިއުޅޭ 70 ޕަސެންޓް ރަށްތަކަށް ޒިޔާރަތްކޮށް ރަށްރަށަށް ބޭނުންވާ ހުރިހާކަމެއް އޮޅުން ފިލުއްވައި، އެކަންކަން ބެއްލެވުމަށްފަހު ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށެވެ. އެހެންކަމުން އެކަންތައް ބަޖެޓުން ފުރިހަމަ ކޮށްދީ ނިންމައިލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު