ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މީޑިއާ ކޮމިޝަން ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފި
ޚަބަރު

މީޑިއާ ކޮމިޝަން ބިލާމެދު ކަންބޮޑުވުން ފާޅުކޮށްފި

މމުހައްމަދު އަލީ14 ނޮވެމްބަރު 2024
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ މެދު ބައެއް ނޫސްވެރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޫސްވެރިން މިކަމަށް ކަންބޮޑުވުން ފާޅުކުރީ އެމްޑީޕީން ބައެއް ނޫސްވެރީންނާއެކު މިއަދުބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން ވެސް ބައިވެރިވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބޮޑެތި ބައެއް ނޫސްތައް ވެސް ބައިވެރިވިއެވެ. އެމްޑީޕީން ބުނެފައިވަނީ މި ބިލަކީ ނޫސްވެރިންނާއި މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހުށަހަޅާފައިވާ ބިލެއްކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބިލުން ހުރަސް އެޅޭ ކަމަށް އެޕާޓީން ބުނެފައިވެއެވެ. މި ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރީންވެސް ވަނީ އެ މީހުންގެ ކަންބޮޑުވުންތައް އެމްޑީޕީއާ ހިއްސާކޮށްފައެވެ. ނޫސްވެރީން ބުނެފައިވަނީ މިނިވަން މީޑިއާ ކައުންސިލް އުވައިލައި، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލާ މީޑިއާ ކޮމިޝަނަކަށް، މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ދޭ ގޮތަށް މި ބިލް ފަރުމާކޮށްފައި އޮތް އޮތުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. ނޫސްވެރިން އެންމެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަލަށް އެކުލަވާލާ ކޮމިޝަނުގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 4 މެމްބަރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުންގެ ގޮތުގައި އޮތް އޮތުމެވެ. އަދި ކޮމިޝަނަށް ރައީސާއި ނާއިބު ރައީސް އައްޔަން ކުރުމުގެ ބާރުވެސް ރައީސަށް ލިބޭގޮތަށް އޮތުމަކީ ނޫސްވެރިން ކަންބޮޑުވާ ކަމެކެވެ. ނޫސްވެރިކަމުގެ މިނިވަކަން ކަށަވަރު ކުރުމުގެ ވާހަކަ މި ބިލުގައި ހިމަނާފައި އޮތަސް ބިލުގެ އެންމެހައި މާއްދާތަކެއް ފަރުމާކޮށްފައިވާގޮތުން ނޫސްވެރިންގެ މިނިވަންކަން ހަނިވާ ގޮތަށް ކަމަށް ވެސް ނޫސްވެރިން ބުނެފައިވެއެވެ. މިކަމާ ބެހޭ ގޮތުން އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައ ބުނެފައިވަނީ "މީޑިއާ ކޮމިޝަނުން ނުރުހޭ ކޮންމެ ހިނދެއްގައި، މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނައިފައިވާ މާއްދާތަކަކީ ވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސް އަޅައި، ނޫސްތަކާއި މީޑިއާތައް ބަންދުކޮށް، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިންނާއި މީޑިއާތަކުން އަދާކުރަމުންދާ ދައުރު މުޅިން ނައްތައިލުމަށް ޓަކައި ހިމަނައިފައިވާ މާއްދާތަކެއްކަން ފާހަގަކުރަމެވެ،" މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖެ ހާސިލްކޮށްފައިވާ ކުރިއެރުމާއި ކާމިޔާބީތައް އެތަށް ގުނައަކުން ފަހަތަށް ސޮއްސައިލާނެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިންގެ މެދުގައި އެބައޮތެވެ. "އެހެންކަމާއެކު، މި ބިލު އަނބުރައި ގެންދިއުމަށް މި ޕާޓީން ސަރުކާރަށް ގޮވައިލަމެވެ،" އެމްޑީޕީން ބުނެފައިވެއެވެ. ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ޓަކައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުމަށް ނިންމައިފައިވާކަމުގައި ވެސް އެޕާޓީން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު