ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ޚަބަރު

ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އއަހުމަދު މުހައްމަދު16 ނޮވެމްބަރު 2024
ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ. އެ މަޝްރުއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެމަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތައް ފްލެޓް ހަވާލެއް ނުކުރެވުނެވެ. އެއަށްފަހު މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ކުރިއަށް ގެންދަން ފެށިއެވެ. އަދި އެކަން ނިމި މިދިޔަ ހަފްތާގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އޮތީ ވިދާޅުވެފައެވެ. މިދިޔަ ހަފްތާ ނިމެމުންދިޔައިރުވެސް ލިސްޓު ނުނެރޭތީ، މިދިޔަ ބުރާސް ފަތިދުވަހު ބޭއްވީ ނިއުސް ކޮންފަރެންސްގެ ތެރެއިން ފްލެޓް ލިސްޓާ ބެހޭގޮތުން ނޫސްވެރިއަކު މިނިސްޓަރާ ސުވާލު ކުރުމުން، ވިދާޅުވީ ހަފްތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްފައި ވަނީ، އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން މި މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ""ގެދޮރުވެރިޔާ" ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާއްމު ކުރާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.،" ނޫސް ބަޔާނުގައި މިނިސްޓްރީން ބުނެފައިވެއވެ. އެ  މަސައްކަތަކަށް އިތުރު މުއްދަތު ދިޔަކަމަށް ވިޔަސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާއެކު، ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރުން ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު