ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ނޫސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: އޭޖީ
ޚަބަރު

ނޫސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: އޭޖީ

އއަހުމަދު މުހައްމަދު18 ނޮވެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފައްދަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ނޫސްވެރީންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން ހުށަހެޅުއްވި އެ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ގާނޫނުއަސާސީން ނޫސްވެރީންނަށް ލިބިދޭ ހައްގުތައް، ޒިންމާދާރު ކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑީއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރީންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ. ބިލުގައި ވަނީ އެ ކޮމިޝަންގައި ހަތް މެންބަރުން ހިމެނޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނެވެ. އެ ބިލު ފާސްވެއްޖަ ނަމަ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ އެޓާނީ ޖެނެރަލް އުޝާމް އާ މިއަދު ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް ވެސް އޭޖީއާއެކު ބައިވެރިވަޑައިގެންނެވިއެވެ. އެމްޖޭއޭއާއެކު ބޭއްވި ބައްދަލުވުމަށްފަހު އޭޖީ އޮފީހުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އުޝާމް ވަނީ ނޫސްވެރީންގެ ހުރި ޝަކުވާތައް އަޑުއައްސަވައިފައި ކަމަށެވެ. "މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއާ ބައްދަލުކުރައްވައި، މަޖިލީހަށް ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލާ ގުޅޭގޮތުން ހުރި ޝަކުވާތައް އަޑުއައްސަވައިފި. ނޫސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް ބަންޑާރަ ނައިބު އުޝާމް ދެއްވި،" އޭޖީ އޮފީހުން ބުންޏެވެ. އެ ބައްދަލުވުމަށްފަހު އެމްޖޭއޭއިން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ، އުޝާމްގެ ވިސްނުމަކީ މީޑިއާތައް ރެގިއުލޭޓު ކުރުމަށް ގާނޫނީ ގޮތުން އުފައްދާފައިވާ އެމްއެމްސީ އާއި ބްރޯޑްކޮމް އުވައިލުން ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. "ދެ ކޮމިޝަން ވެސް އެއްކޮށް އުވާލާފައި މީޑިއާތައް ރެގިއުލޭޓް ނުކުރާ ގޮތަށް ހެދުން އެއީ އޭޖީގެ ވިސްނުންފުޅު އޮތް ގޮތެކޭ. އެކަމަކު އެކަމަށް އެއްވެސް ކޮންފަމޭޝަނެއް ވެސް ނެތް،" ނާއިފް ވިދާޅުވިއެވެ. ނާއިފް ވިދާޅުވީ އެ ބައްދަލުވުމުގައި، ނޫސްވެރިކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި ކަމަށެވެ. ނަމަވެސް މަޖިލީހުގައި އޮތް އެ ބިލާ މެދު ސަރުކާރުން ގޮތެއް ނިންމައިފައި ނުވާ ކަމަށް ނާއިފު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު