ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޑރ. މުއިއްޒު ދިވެހިވަންތަ ވެރިމެއް ކުރައްވާނޭކަން ބޭރު މީހުންނަށް އެނގޭ
ޚަބަރު

ޑރ. މުއިއްޒު ދިވެހިވަންތަ ވެރިމެއް ކުރައްވާނޭކަން ބޭރު މީހުންނަށް އެނގޭ

މމުހައްމަދު އަލީ18 ނޮވެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިވަންތައް ވެރިކަމެއް ކުރައްވާނޭކަން ބޭރުގެ ފަރާތްތަކަށް އެނގިވަޑައިގަންނަވާ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. މިސަރުކާރަށް އެއްއަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައިވެސް، ދިވެހި ގައުމު ކިތަންމެ ކުޑަޔަސް، އާބާދީ މަދުވެފައި ކުދިކުދި ރަށްތަކަކަށް ބެހިފައިއޮތަސް ދިވެހީންނަކީވެސް އިންސާނުންނަށްވީތީ އަޑެއް އޮންނާނެކަމާއި އަދި ފަޚުރުވެރިވާ އަމިއްލަވަންތަ ބައެއްގެ ގޮތުގައި ސިފަކުރެވޭ ގޮތަށް ވާހަކަފުޅުދައްކަވާ ކަމަށެވެ. އެހެންކަމުން އަމިއްލަ ގައުމު އިސްކުރުމަކީ އެހެން ގައުމުތަކުން ދެކޭގޮތް ބަދަލުވެ، އެ ގައުމުތަކުން ރާއްޖެއަށާއި ދިވެހީންނަށްކުރާ އިހްތިރާމު އިތުރުވެގެން އަންނަ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމާ އެބޭފުޅުންނަށް (ބޭރުގެ ފަރާތްތަކަށް) އެބަ އެނގިވަޑައިގަންނަވާ، މިއަދު އަޅުގަނޑުމެންގެ ލީޑަރަކަށް އެ ހުންނެވި ބޭފުޅާއަކީ ގައުމު ދެކެ ވަރަށް ލޯބިވާ އަދި މި ގައުމުގެ ތާރީޚެއް އޮތްކަމާއި އަދި މިގައުމުގެ މާޒީގައި ކަންކަން ކޮންމެ ގޮތަކަށް ހިނގާފައި އޮތްކަމުގައިވީ ނަމަވެސް، އަސްލު ދިވެހިވަންތަ ވެރިކަމެއް ކުރައްވާނެ ބޭފުޅެއްކަން. އެހެންވީމަ، އެންމެ ފުރަތަމަ ގައުމު. އެ ސިޔާސަތު އެ މަނިކުފާނު އެ ގެންގުޅުއްވަނީ،" ހުސައިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޗާޓު ނުވަތަ ކުރެހުންތައް ހެދުމުގެ މަސައްކަތް ވަކި އެއް ބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ އެ ކަންބޮޑުވުން، ފާޅުކުރައްވާފައިވާނެ ކަމަށެވެ. އެހެންނަމަވެސް މިއަދު ދިވެހިން އެކަން ކުރަމުންދަނީ އަމިއްލައަށްކަމަށް ވިދާޅުވިއެވެ. އެއީ ރައީސްގެ ޒައާމަތުގައި ދިވެހީންނަށް ފަހިކޮށްދެއްވި ފުރުސަތެއް ކަމަށް ވެސް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުން ކަމަށާއި ވެރިކަމާއި ޙަވާލުވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތްޕުޅަކީ އެ ޙާލަތު ރަނގަޅުކުރުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ މާލީ ނިޒާމުގައި ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށާއި ދަރަނިތައް ރީސްޓްރަކްޗަރކޮށް، ތަރުތީބުކުރައްވައި އެކުލަވާލެއްވުމަށްފަހު، ރާއްޖޭގެ ކުންފުނިތައް އޮތް ހާލަތުން އަރައިގަތުމަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކުރެވުނުކަމަށް ވެސް ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު