ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޓެކުހަށް މަކަރު، މީރާއިން ޕީޖީއަށް
ޚަބަރު

ޓެކުހަށް މަކަރު، މީރާއިން ޕީޖީއަށް

އއަހުމަދު މުހައްމަދު11 ޑިސެމްބަރު 2024
ކ. މާފުށީގައި ހިންގާ ކާނި ހޮޓެލްސްގެ ހަތަރު ގެސްޓްހައުސްއިން ޓެކުހަށް މަކަރުހެދިކަމަށް ބުނެ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ. މީރާއިން ބުނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، ކާނި ހޮޓެލްސްގެ ނަމުގައި ހިންގާ ހަތަރު ގެސްޓްހައުސްއިން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށެވެ. މި މައްސަލައިގައި ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެ ދެ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ނަޝީދާއި އާމިނަތު އާސިމާ ސަލީމްގެ މައްޗަށް ދައުވާކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި އެކައުންޓްސްގެ މަސައްކަތުގައި އިސްކޮށް އުޅުނު އާއިޝަތު ރަޒުނާގެ މައްޗަށްވެސް ދައުވާކުރަން ވަނީ ހުށަހަޅައިފަ އެވެ. މީރާއިން ބުނީ އެ ވިޔަފާރިތަކަށް އަންނަ ގެސްޓުންގެ މައުލޫމާތު ފުރިހަމައަށް ހިމަނައިފައި ނުވާ ކަމަށެވެ. އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް އަންނަ ގެސްޓުންނާއި އެފްއައިޓީ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުން ވަނީ ހާމަވެފަ އެވެ. މި މައްސަލައިގައި މީރާއިން ކުރި އޮޑިޓުތަކުގައި އެ ވިޔަފާރިތަކުން އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި 8 ލައްކަ ޑޮލަރަށް ވުރެ ގިނަ ފައިސާ (13.3 މިލިއަން ރުފިޔާ) ދައްކަން އަންގައިފައިވާ ކަމަށް މީރާއިން ބުންޏެވެ.

ގުޅުންހުރި ޚަބަރު