ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މުޙައްމަދު އަމީނަށް ހެދިގޮތް ނޫން ކޮންގޮތެއް ހެއްޔެވެ؟
ރިޕޯޓް

މުޙައްމަދު އަމީނަށް ހެދިގޮތް ނޫން ކޮންގޮތެއް ހެއްޔެވެ؟

ޟޟަމްރަތު އަހްމަދު12 ޑިސެމްބަރު 2024
މައްސަލަ މުޙައްމަދު އަމީނަށް ހެދިގޮތް މާނަކުރުމަކީ މި ހަފުތާގެ އެންމެ އަޑުގަދަ މައުޟޫއެވެ. މުޙައްމަދު އަމީނަށް ހެދިގޮތް މާނަކުރުމުގައި ބަލަންޖެހޭނީ "ހެދިގޮތަށް" އެކަންޏެއް ނޫނެވެ. މުޅި މަފުހޫމަށެވެ. ފުރަތަމަ އެންމެ ސާދާ ސުވާލެވެ. މުޙައްމަދު އަމީނަށް ގޮތެއް ހެދިހެއްޔެވެ؟ ހެދީ ކޮން ގޮތެއް ހެއްޔެވެ؟ އޭގެ ސަބަބާއި ސިއްރަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ މުޙައްމަދު އަމީނަށް މައިގަނޑު ދެ ގޮތެއް ހެދިއެވެ. އެއްގޮތަކީ ވެރިކަމުން ވަކިކުރުމެވެ. އަނެއް ގޮތަކީ އެމަނިކުފާނުގެ ހަށިކޮޅަށް ލާއިންސާނީ އަނިޔާކުރުމެވެ. އޭގެ ސަބަބާއި ސިއްރު މާނަކުރުމުގައި އެކި މީހުން އެކިގޮތްގޮތަށް ވާހަކަދައްކާފައި އެބަހުއްޓެވެ. މި ވާހަކައިގެ ތެރެއިން ކެކިއަރައިގަތް ތަންކޮޅަކީ އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒު އިސްމާޢީލް އިހަކަށް ދުވަހު "މުޙައްމަދު އަމީނަށް ހެދިގޮތް ހަދަން ޖެހޭނީ"އޭ ވިދާޅުވި އިބާރާތެވެ. މި އިބާރާތުގެ މާނައަށް ދިއުމުގެ ކުރިން މުޖުތަމައުގައި އެބުނުން މާނަކުރާގޮތް ބަލައިލުން ރަނގަޅެވެ. ހަމަހުރެފައި "މުޙައްމަދު އަމީނަށް ހެދިގޮތޭ" ބުނެފި ނަމަ ދިވެހި ޖުމުތަމައުގައި މާނަކުރެވެނީ އެމަނިކުފާނުގެ ހަށިކޮޅަށް ދިން ލާއިންސާނީ އަނިޔާ ކަމުގައެވެ. ވެރިކަމުން ދުރުކުރެވުނު ވާހަކަ ކަމުގައި ވާނަމަ މި އިބާރާތުގެ ކުރިއަށް ނުވަތަ ފަހަތަށް ބައެއް ލައިގެން އެ ގަސްތުކުރި ދިމާއަށް މާނަ ސީދާކުރަންޖެހެއެވެ. މުޙައްމަދު އަމީނަށް ހެދިގޮތް ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ" ކަމުގައެވެ. މުޙައްމަދު އަމީނަށް ހެދިހެންގެ ކުރިއަށް އެގޮތެއް ހަދަން ދިމާވި ސަބަބު ގެންނަވައިފައިވެއެވެ. ރައްޔިތުންނަށް ދެރަ ދެއްވިކަމެވެ. އެހެންކަމުން މި އިބާރާތުގެ މުރާދަކީ ހަށިކޮޅަށް ދިން ޖިސްމާނީ އަނިޔާ ނޫންކަން އެނގެއެވެ. މި މާނައަށް އިތުރު ބާރު ދިނުމުގެ ގޮތުން އޭގެ ފަހު ޖުމުލައަށް ވެސް ބަލަންޖެހެއެވެ. އެއީ ކުޅުދުއްފުށީ ޕޯޑިއަމުގައި މީހަކު އެހެން ބުނި މަގުސަދު ބަޔާން ކުރެއްވުމެވެ. މަގުސަދެއް ކަމަށް ފައްޔާޒު ވިދާޅުވެފައި ވަނީ "... އެ ބޭފުޅަކު އެހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި މުޙައްމަދު މުޢިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ" ކަމުގައެވެ. މި ސަބަބަށް ބަލާއިރު ވެސް ފައްޔާޒުގެ ނިޔަތާއި ގަސްތަކީ ހަށިކޮޅަށް އަނިޔާ ދިނުން ނޫންކަން ސާފުކޮށް ދޭހަވެއެވެ. ނަމަވެސް މި މާނަ ފަރުޖެއްސޭނީ މުޙައްމަދު އަމީނު ރައްޔިތުންނަށް ދެރައެއް ދެއްވިތޯ އާއި އެ ދެރައިގެ ބަދަލުގައި ރައްޔިތުން މުޙައްމަދު އަމީނަށް ގޮތެއް ހެދިތޯ ބަލައިގެންނެވެ. ރައްޔިތުންނަށް ދެރަ ދިނީމާ ވެރިކަމުން ބޭލުން 11 ޒުލްހައްޖާ 1372 ވަނަ ތާރީޚުގައި ގުޅަކުޅޭ ފަސްގަނޑަށް އެއްވި "ރައްޔިތުން" އަޑުގަދަކޮށް ހަޅޭލަވައި އިއްވި ގޮތުގައި މުޙައްމަދު އަމީނު ރައްޔިތުންނަށް ދެރަ ދެއްވިއެވެ. އޭގެ ބަދަލުގައި އެ މަނިކުފާނު ވެރިކަމުން ވަކިކުރެވުނެވެ. މިކަން ތާރީޚުގެ އެތައް ސަފުހާއަކުން ސާބިތުވެއެވެ. މި މައުލޫމާތަށް ބަލާއިރު ރައްޔިތުންނަށް ދެރަ ދިނީމާ، ނުވަތަ ދެއްވީމާ އޭގެ ބަދަލުގައި ރައްޔިތުން މުޙައްމަދު އަމީނަށް ހެދި ގޮތަކީ ވެރިކަމުން ވަކިކުރުންކަން އެނގެއެވެ. އެހެން ވީމާ ރައްޔިތުންނަށް މުޙައްމަދު އަމީން ދެއްވިހެން ދެރަ ދިން މީހަކަށް މުޙައްމަދު އަމީނަށް ހެދިގޮތް ހެދުމަކީ އެ މީހަކު ވެރިކަމުން ވަކިކުރުންކަން ސާފުކޮށް އެނގެއެވެ. މުޙައްމަދު އަމީނުގެ ހަށިކޮޅަށް ޖިސްމާނީ އަނިޔާދީ އޭގެ ސަބަބުން އަވަހާރަވާން ދިމާވި ހާދިސާއަކީ މީގެ ފަހުން ހިނގައިދިޔަ ހާދިސާއެކެވެ. އެހެންކަމުން ފައްޔާޒު ވާހަކަދެއްކެވި ހާލަތާ މި ހާދިސާއާ ގުޅުވޭނެ ގޮތެއް ނެތެވެ. ފައްޔާޒު ވެސް އަދި ކުޅުދުއްފުށީ ޕޯޑިއަމުން ވެސް ވާހަކަ ދެކެވިފައި ވަނީ ވެރިކަންކުރާ ގޮތާ މެދުގައެވެ. އެގޮތަށް ބަދަލުގެންނަން ޖެހޭކަމާ މެދުގައެވެ. ދެން ރައްޔިތުންނަށް ދެއްވިކަމަށް ބުނާ ދެރައިގެ ކުޑަ ތަފުސީލަކަށް ބަލައިލާނަމެވެ. ރައްޔިތުންނަށް ދެއްވިކަމަށް ބުނާ ދެރަ 11 ޒުލްހައްޖާ 1372 ވަނަ ތާރީޚުގައި ގުޅަކުޅޭ ފަސްގަނޑަށް އެއްވި "ރައްޔިތުން" މުޙައްމަދު އަމީނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރިއެވެ. މި ލިސްޓްގައި މިވަނީ ބައެއް ކަންކަމެވެ.
  1. ދައުލަތުގެ ކޮންމެއެއްޗަކީ އަމިއްލަ އެއްޗެއް ކަމަށް ބެއްލެވުން ނުވަތަ އަމިއްލަ އެއްޗިއްސާ ދައުލަތުގެ އެއްޗެތި އެއްކުރައްވައިގެން މަސްހުނިކުރައްވައިގެން ގެންގުޅުއްވުން.
  2. މުޅި އުއްމަތަކީ އޭނާ ކަމުގައި މުހައްމަދު އަމީނު ދެކެވަޑައިގަތުން.
  3. ރާއްޖޭގެ މިންވަރު ވިސްނިވަޑައި ނުގަތުން.
  4. ކާބޯތަކެއްޗާއި ވޮށުތެޔޮ، އުނުއޮރިޔާން ނިވާ ކުރާނޭގޮތް ނެތި ހާލުގައި ޖެއްސުން ނުވަތަ ޖެހުން.
  5. އާއްމުން ދަތިހާލުގައި އުޅުނުއިރު ހާއްސުންގެ ބަޔަކު ދައުލަތުގެ ފައިސާއިން އުދުހުން
  6. ގައުމުގައި ކުރިޔަށް ތިބި ވަރަށް ގިނަ ބަޔެއްގެ އަމިއްލަ ފޮށިތައް ދައުލަތުގެ ޚަޒާނާގެ ފައިސާއިން ފުރެމުން ދިއުން
  7. ރައްޔަތުންގެ އަމާނާތްތަކަށް ހިޔާނާތްތެރިވަމުން ދިޔުން.
އަތިރީގެ ހެއްދެވުމަށް ދައުލަތުން ޚަރަދު ކުރެއްވުމާއި، އަތިރީގެ ޢަބްދުލް ޙަމީދުގެ ލަކުޑި އިސްޓޯރޭ ކިޔުނުތަން ނާދީ ތަމައްދުން ހެއްދެވުމަށް ސަރުކާރަށް ދެއްވުމާއި މިހާރުގެ އެމްއެމްއޭ އެހުރި ބިން (އަތިރީގޭގެ ބިން) ސަރުކާރަށް ލިބިފައި އޮތް އޮތުމަކީ ނަންބަރު އެކެއްގައިވާ ވާހަކައިގެ ކުޑަކުޑަ މިސާލެކެވެ. މިއަދާ ވެސް ގުޅޭ މިސާލެކެވެ. ޖުމްހޫރިއްޔަތުގެ ނަމުގައި ހިންގެވި މުސްތަބިއްދު ވެރިކަން "އާދެ! ހަމަ އެންމެ މީހެއްގެ ... އެދުމާ ހެދިއެވެ. ދައުލަތަށް ލިބޭ އާމްދަނީއާއި ހަޒާނާގެ ފައިސާ ހުސްވެގެން ދިޔައީވެސް ހަމަ އެގޮތުގައެވެ. މަދަނިއްޔަތުގެ ނަމުގައި ކުރަމުންދިޔަ މަސައްކަތްތަކަކީ މީސްތަކުންގެ ގެދޮރު ހަލާކުކޮށް މީހުންގެ އަމިއްލަ ރުއްގަސް ވަރަށްވެސް އަނިޔާވެރިގޮތުގައި ކަނޑަމުން ގެންދިޔުމެވެ. ތައުލީމުގެ ނަމުގައި ކުރެވެމުން ދިޔަމަސައްކަތުންވެސް އެދުވަސްވަރު ކުދީންގެ އަހުލާގަށްވެސް ލިބުނު ގެއްލުންތަކަށް ނިސްބަތްކޮށް ބަލާއިރު މާބޮޑުފައިދާއެއް ހާސިލެއްނުވިއެވެ. މީސްތަކުންގެ މިނިވަންކަންއޮތީ މުޅީންނެތިފައެވެ. ކާބޯތަކެތި މަދުވަމުންގޮސް މީސްތަކުންތިބީ ފަތްކެއުމުގެ މައްޗަށް ނުކުޅެދިފައެވެ. ޖުމްހޫރިއްޔަތުގެ ނަމުގައި ހިންގީ ޚުދު މުހުތާރު އަދި މުސްތަބިއްދު ވެރިކަމެކެވެ. ރާއްޖޭގެ ކަރާމަތަށާއި އިސްލާމްދީނަށް ލިބެމުންދިޔައީ ބަޔާންކުރަން އެކަށީގެންނުވާފަދަ ބޭހުރުމަތްތެރިކަމެވެ. މިހުރިހާ ކަމެއްވީ އަލްއަމީރު މުހައްމަދު އަމީނުގެ ސަބަބުންނެވެ. މިހެން މިދެންނެވިގޮތީ މިދެންނެވި ދުވަސްވަރުގައި ރާއްޖޭގެ އެންމެމަތީ ދަރަޖައިގެ ވެރިޔަކީ މުހައްމަދު އަމީން އެވެ." (... އަޙުމަދު ކާމިލް ދީދީ ) ހުރިހައި ކަމެއް ގާނޫނީ ހަމައިން ބޭރުގައި މުޙައްމަދު އަމީންގެ މައްސަލައިގައި އެ މަނިކުފާނު ގާނޫނާ ޚިލާފަށް ގިނަ ކަންތައްތަކެއް ކުރެއްވިކަމަށް ބުނެއެވެ. ރައްޔިތުންގެ ވޯޓަކުން ހޮވައިފައިވާ ރައީސަކު "ގާނޫނީ ހަމަތަކުން" ގާނޫނާ ޚިލާފަށް ރައްޔިތުން ނުކުމެ ވަކިކުރީއެވެ. އޭގެ ފަހުން ނިގުޅައިގަނެވުނު ވެރިކަން ހޯއްދެވުމަށްޓަކައި މުޙައްމަދު އަމީން ވެސް ގާނޫނާ ޚިލާފަށް ނިކުމެ ވަޑައިގަތީއެވެ. މިކަމުގައި އެ މަނިފާނުގެ ވަރުގަދަ އިއުތިރާފެއް ޝަރީޢަތުގައި ރެކޯޑް ކުރެވިފައި އެބައޮވެއެވެ. މި ހުރިހައި ކަމެއް ހިނގައިދިޔައީ ނަހަމަކަން އާންމުވުމުންނެވެ. މުޙައްމަދު އަމީނުގެ ދަގަނޑު ޒައާމަތުގައި ގާނޫނުގެ ބާރު ކެނޑިގެން ދިޔައެވެ. ރައްޔިތުންގެ ބާރު ކެނޑިގެން ދިޔައެވެ. ގާނޫނުތައް ހަމަހިމޭންވެ ނިދިޖެހުނެވެ. މިހާލަތުގެ ފަހު ނަތީޖާއަކީ މިކަންކަން އެމަނިކުފާނާ އާރާ ހަމަކުރުމެވެ. "ރައްޔިތުން" މިފަދަ ނިންމުންތަކެއް ނިންމި ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ގާނޫނަށް ކިޔަމަން ވުމުގެ ސިފަ އޭރު ދައުލަތުން ފޮހެވިފައިވާތީއެވެ. ފުއްސަވައިފައިވާތީއެވެ. ރައްޔިތުންގެ މަޖިލިސް ބޭކާރު ކުރެވިފައިވާތީއެވެ. ގާނޫނާއި އޭގެ ބާރުވެރިކަން ބޭކާރު ކުރެވިފައިވާތީއެވެ. ރައްޔިތެއްގެ ޝަކުވާއަށް އިޖާބަ ލިބޭނޭ މަގެއް ނެތީމައެވެ. މި ހުރިހައި ކަމެއް އެކުވެގެން އުފަންވީ ޣައިރު ގާނޫނީ ސިފަތަކުގެ މަންމައެވެ. މުޙައްމަދު އަމީނަށް ހެދިގޮތެއް ހެދީ އެ މަންމަގެ ދަރީންނެވެ.  

ގުޅުންހުރި ޚަބަރު