ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރައީސް އދ. ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެންފި
ޚަބަރު

ރައީސް އދ. ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށްފަހު މާލެ ވަޑައިގެންފި

އއައްޝައިޚް ޙަސަން ލަޠީފް މޫސާ16 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސްގެ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. އެގޮތުން، އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވީ، ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މީގެ އިތުރުން، ބުދަ ދުވަހު ތަސްދީޤުކުރެއްވި ބޭރު ފައިސާގެ ބިލު ރަނގަޅަށް ތަންފީޒުކުރެވެން ފަށާތާ ހަމަސް ދުވަހާ ބާރަ މަސް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޑޮލަރުގެ ދަތިކަމަށް ޙައްލު ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވީވެސް، އެ ބައްދަލުވުމުގައެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް، ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނޭކަމަށްވެސް ވިދާޅުވެފައެވެ. ސަރުކާރުގެ ތިން ވުޒާރާއެއް އަނދާހުލިވި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވާ، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ވިދާޅުވެ ހާދިސާގައި ގެއްލުން ލިބުނު މުވައްޒަފުންނާއި ރައްޔިތުންނަށް ހިތްވަރުދެއްވާފައެވެ. މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މި އަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިޢުލާންކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު