ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފަން ރައީސް ނިންމަވައިފި
ޚަބަރު

ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފަން ރައީސް ނިންމަވައިފި

މމުހައްމަދު އަލީ16 ޑިސެމްބަރު 2024
މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ތިން މިނިސްޓްރީގެ މުވައްޒަފުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. އެހާދިސާގައި އަނދާފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއެވެ. އެތަންތަން ވަގުތީ ގޮތުން މިހާރު ހިންގަމުން ދަނީ ދަރުބާރުގޭގައެވެ. މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން ރައީސް ވަނީ ޚިދުމަތް ދެމުންދާގޮތް ބައްލަވައި މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ. މުވައްޒަފުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވެފައިވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އެގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި އަލިފާނުގެ ހާދިސާގައި އިމާރަތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްލައްވައި މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ޚިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށްވެސް ރައީސުލްޖުމްހޫރިއްޔާ، ޒިޔާރަތްކުރެއްވިއެވެ. އަދި އެމަނިކުފާނު އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެބޭފުޅުން ބޭނުންފުޅުވާކަންކަމާއި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.

ގުޅުންހުރި ޚަބަރު