ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި
ޚަބަރު

ސްޓެލްކޯ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

މމުހައްމަދު އަލީ19 ޑިސެމްބަރު 2024
ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހު ކޮށްފި އެވެ. މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ. ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުން ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުން ހިމެނޭ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. "މި ރިސާޗް ފައުންޑޭޝަންގެ އުމްމީދަކީ މި ފައުންޑޭޝަން މެދުވެރިކޮށް ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން،" މި ރަސްމިއްޔާތުގައި މިއަދު ވަނީ ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް www.srf.mv ވެސް އިފްތިތާހުކޮށްފައެވެ. ވެބްސައިޓް ވެސް އިފްތިތާހުކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. ސްޓެލްކޯ ރިސާރޗް ފައުންޑޭޝަން (އެސްއާރއެފް) އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތު ތައާރަފްކޮށް އަރުވާ ވާހަކަފުޅު ދައްކަވަމުން އެސް.އާރ.އެފްގެ ވައިސް ޗެއަރޕާރސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދަކީ މެނޭޖިންގ ޑިރެކްޓަރ ހުސައިންފަހުމީގެ އިސްނެންގެވުމާއި ސީދާ ބެއްލެވުމުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުންފުނީގެ ހަޔާތުގައި އަދި މަސައްކަތުގައި އިތުރު ހަރުފަތަކަށް ދިއުމަށް މަގު ކޮށިގެންދިޔަ އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ހިދުމަތްތަކުގެ ގޮތުން އެ ހިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޯނެންޓެއް ކަމަށް ވިދާޅުވިއެވެ. އަދި މީގެ ފައިދާ ސްޓެލްކޯއަށާއި، މުޅި ގައުމަށްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަނެއް އުފައްދަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެންތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމެވެ. ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި އެބަހުރި ކަމަށް އެމްޑީ ވިދާޅުވިއެވެ. " މި ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް މިގައުމަށް، ގައުމުގެ ކުރިއެރުމަށް މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން އެއީ މަގުސަދަކީ. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ގައުމަށް ހިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ގައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،" ފަހުމީ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު