ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ގެއްލުންތަކުން އަރައިގަނެވުނީ އިސްލާމީ ނޫރުގެ ސަބަބުން: ނާއިބު
ޚަބަރު

ގެއްލުންތަކުން އަރައިގަނެވުނީ އިސްލާމީ ނޫރުގެ ސަބަބުން: ނާއިބު

މމުހައްމަދު އަލީ26 ޑިސެމްބަރު 2024
ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރި ފަތިހަކަށް ދިވެހިގައުމު ގެންދެވިފައިމިވަނީ، މާތްﷲ މި ދިވެހިރާއްޖެއަށް މިންވަރުކުރައްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ސުނާމީ ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ހަނދާން އާކުރައްވާ ކަމަށެވެ. އެދުވަހު ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، އާންމު ރައްޔިތުން، އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ނެރެ، ގައުމީ ޚިދުމަތުގައި ވެދިން ގުރުބާނީގެ އަގުވަޒަންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ "ވިލުންތެރި 20" މައުރަޒު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ މި ކާރިސާއާއެކު އުފަންވި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތައް ވެސް ފާހަގަ ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ނާއިބު ރައީސް ވިދާޅުވީ އަލަށް އެކުލަވާލި ދިވެހިރާއްޖޭގެ "ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު" މި ވެރިކަމުގެ ޅަފަތުގައި އެކުލަވާލެވުމުން ދައްކުވައިދެނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ކަމުގައެވެ. މި މައުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައެވެ. މި ރަސްމިއްޔާތުގައި ނާއިބު ރައީސް ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފުތިތާހު ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ހުށަހެޅުއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،"ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްސަ މެސެޖެއް، އެމަނިކުފާނު ލިޔުއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި "ވިލުންތެރި 20" މައުރަޒުގެ ފޮޓޯފޮތް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ގުޅުންހުރި ޚަބަރު