ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ސުނާމީ ކާރިސާ: މިއަދަކީ އެދުވަސް...!
ރިޕޯޓް

ސުނާމީ ކާރިސާ: މިއަދަކީ އެދުވަސް...!

މމުހައްމަދު އަލީ26 ޑިސެމްބަރު 2024
މިއަދަކީ އެދުވަހެވެ. އާދެ! ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ އެއީ 2004 ވަނައަހަރަށްވެފައި މިއަދަކީ 2024 ވަނަ އަހަރަށްވުމެވެ. 2004  ވަނަ އަހަރު ޑިސެންބަރު މަހު 26 ވަނަ ދުވަހު މުޅިދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު ވިހި އަހަރު ފުރުނީއެވެ. އަދުވަހުގެ ބިރުވެރިކަމާއި ހިތްދަތިކަމުގެ ހަނދާންތައް ދުވަހަކުވެސް ފިލައިނުދާނެއެވެ. މާކަނޑު ކެކިއަރައި ރަށްރަށަށް އަރައިގަތީ އެއްވެސް އޯގާތެރިކަމެއްނެތިއެވެ. އިންޒާރެއްވެސް ނެތިއެވެ. ހިމޭން ދިވެހިރާއްޖޭގެ އެކުވެރި ރައްޔިތުންނަށް ލިބުނު ކުއްލި ސިހުމާއެކު ރުއިމާއި ހަޅޭކުގެ އަޑު އިވުނެވެ. ތަކުބީރު ތަހުލީލުގެ އަޑުއިވުނެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މައްޗަށް ހިތާއިސިކުނޑި ދޫކޮށްލެވުނެވެ. އެދުވަހުގެ ބިރިވެރިކަން އެންމެބޮޑަށް އިހުސާވާނީ އެކަން ތަޖުރިބާ ކުރި މީހުންނަށެވެ. އެދުވަހު އެމީހުންތިބި ހާލަތު އެނގޭނީ އެމީހުންނާ އެދުވަހު ބައްދަލުވެ މަންޒަރު ލޮލުން ފެނުނު މީހުންނަށެވެ. އެދުވަހަކީ އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ފަޅުއޮޑިފަހަރުން ހިމާޔަތް ހޯދަންޖެހުނު ދުވަހެކެވެ. އެހެންނަމަވެސް އެދުވަހުވެސް އެމީހަކާއެމީހަކު އުޅެން ދިވެހީން ދިމާނުކުރެއެވެ. އެކަކުއަނެކަށް އެހީފޯރުކޮށްދީ އެދުވަހުވެސް ދެއްކީ އެއްބައިވަންތަކަމާއި އަޚުވަންތަކަމެވެ. އެހެންވެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި އެދުވަސް މިއަދު ވެސް ފާހަގަ ކުރަނީއެވެ. ސުނާމީ ކާރިސާއަށް މިއަދު 20 އަހަރު ފުރިގެންދަނީއެވެ. ހިތާމަވެރި މި ކާރިސާގައި ރާއްޖެއިން އަސަރު ނުކޮށްއޮތީ މީހުން ދިރިއުޅޭ އެންމެ 9 ރަށެވެ. އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ. މައިންގެ އަތުތެރެއިން ދަރީން ދުވެގެން ދިޔައެވެ. ކުރިމަތީގައި މަރުވެގެންދިޔައެވެ. ކުދިންނަށް ވީއެއްނުވީއެއް ނޭނގިގެން މޮޔަވާވަރުވިއެވެ. އެދުވަހުގެ ކަރުނައިގެ އަސަރުގަދަކަމާއެވެ. އެ ހިތިހަނދާނުގެ ވާން ބޮޑު ކަމާއެވެ. އެ ކާރިސާގައި ރާއްޖެއިން 82 ދިވެހިން ނިޔާވިއެވެ. 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. 15000 މީހުންގެ ގެދޮރު ގެއްލުނެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ބެހެއްޓި އޯގާތެރކަން އެދުވަހުވެސް މިއަދި ވެސް މާދަން ވެސް ފާހަގަ ކުރަން ޖެހެއެވެ. އެދުވަހު ރާއްޖެ ސަލާމަތް ކުރެއްވި ފަދައިން މިއަދުވެސް މާދަން ވެސް ރާއްޖެ ސަލާމަތް ކުރައްވާށިއެވެ. އަމާންތަނެއް ކަމުގައި މާތްﷲ ރާއްޖެ ދާއިމް ކުރައްވާށިއެވެ. އާމީން    

ގުޅުންހުރި ޚަބަރު