ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްތުގެ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރަނީ
ޚަބަރު

މަސްތުގެ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރަނީ

މމުހައްމަދު އަލީ7 ޖެނުއަރީ 2025
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ޑްރަގް އެޖެންސީއާއި، ހެލްތު މިނިސްޓްރީއާއި، އެލައިޑް އިންޝުއަރެންސް އާއެކު މަޝްވަރާ ކޮށްފިއެވެ. އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ މަޝްވަރާ ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމަށް ކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެޑިކްޝަން ކައުންސިލަރުން ބިނާކުރާނަން،" ލުބުނާ ވިދާޅުވިއެވެ. ވޭތުވެދިޔަ 12ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ނެޝެނަލް އިންސްޓިޓިއުޓް ފޯރ ރިސާޗް އެންޑް އެޑިކްޝަންސް ސްޓަޑީޒް އިން އެއްވެސް މަސައްކަތެއް ހިންގާފައިނުވާކަން ފަހަގަކުރައްވާ ލުބްނާ ވިދާޅުވީ އިންސްޓިޓިއުޓްގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށެވެ. އިންސްޓިޓިއުޓްގެ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ހިމެނޭ ކަމަށާއި އެހެންކަމުން އެންޑީއޭގައި ހުރި ޑާޓާގެ ބޭނުން މިއަހަރުގެ ތެރޭގައި ހިފާނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސްތުވާތަކެތީގެ މައްސަލަތައް ފުޅާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. ފަރުވާގެ ކަންކަމުގެ ޒިންމާއާ ހަވާލުވެތިބި ބައެއްގެ ހައިސިއްޔަތުން މިހާރު ޕޮލިސީ ލެވެލްގައި ވިސްނުން ހުރީ ކޮމިއުނިޓީގައި ކުދިން ބައިތިއްބައިގެން ކޮމިއުނިޓީއަށް ރީއިންޓަރގްރޭޓް ކުރެވޭނެ ގޮތަށް ފަރުވާގެ ބައެއް އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. "ފާހަގަވަނީ އެ މީހެއްގެ ރަށުގަ ބައިތިއްބައިގެން ކުރިއަށްގެންދާއިރު އެ މީހުންނަށް ބޭނުންވާ، ޚާއްސަކޮށް ކައުންސިލިންގ ނުވަތަ އެނޫންވެސް ސައިކޯސޯޝަލް ސަޕޯޓް ދެވޭނެ ގޮތްތަކެއް ނެތްކަން. އެފެންވަރުގެ ނުވަތަ ސެޝަނެއް ނަގައިދެވޭނެ ފެންވަރުގެ މީހުން މި ދާއިރާއިން ތަމްރީނުވެފައި ނެތްކަން. ގިނަ ފަހަރަށް މިކަހަލަ ކަންކަމަކީ ފޯނުން ނުވަތަ އޮންލައިންކޮށް ނިންމާލެވޭ ވަރަށް ވުރެ އުނދަގޫ ކަންކަން. ޚާއްސަކޮށް ޒާތީ ވިސްނުމާއި ބިހޭވިއަރ މޮޑެފައިވާން ޖެހޭ ކަމަކަމަށްވާތީ އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ކައިރިން ސަޕޯޓް. އެހެންކަމުން އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވި ބޭނުންވާ ވަސީލަތްތައް ނެތްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީމަ ހެލްތު މިނިސްޓްރީ އާއި އެލައިޑް އިންޝުއަރެންސް އާއެކު މިވަނީ މަޝްވަރާކޮށްފައި" މުހައްމަދު ރާޝިދު ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާއިން އުންމީދެއް ލިބިގެންދިޔަކަމަށް މުހައްމަދު ރާޝިދު ވިދާޅުވިއެވެ. ޑްރަގް ނަގާ މީހުންގެ ނަފުސާނީ މައްސަލަތައް ވަރަށް ބޮޑުކަމަށާއި ފަރުވާގެ ތެރެއަށް ވަންނަ ގިނަ ކުދިންނަކީ މެންޓަލީ މުޅިން ސްޓޭބަލް ކުދިން ނޫންކަން ފާހަގަވާ ކަމަށްވެސް މުހައްމަދު ރާޝިދު ވިދާޅުވިއެވެ. އެޑިކްޝަން ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނައިރު ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އެންޑީއޭއިން ވަނީ ފަށާފައެވެ. ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ އޮކްޓޯބަރ މަހުގެ 17ވަނަ ދުވަހުއެވެ. މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޒު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.  

ގުޅުންހުރި ޚަބަރު