ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ފިޔޯރީގައި މަސް ފެކްޓްރީއެއް ހެދުމަށް ޗައިނާއަށް
ޚަބަރު

ފިޔޯރީގައި މަސް ފެކްޓްރީއެއް ހެދުމަށް ޗައިނާއަށް

މމުހައްމަދު އަލީ8 ޖެނުއަރީ 2025
ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ގާއިމުކުރުމަށް ޗައިނާ ކުންފުންޏަކާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަފުޅުގައި ވިދާޅުވީ އަންނަ ފެބުރުވަރީ މަހު ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރައްވާނޭކަމަށެވެ. ފިޔޯރީ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ދަތުރަކީ ތަކުލީފް ބޮޑު ދަތުރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން އެރަށުގައި އަޅަނީ 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެކެވެ. ސޮއިކުރާތާ ދެ ހަފުތާ ތެރޭ އަމަލީ މަސައްކަތް ފަށާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔޯރީގައި ގާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށެވެ. މީގެ އިތުރުން އެރަށު ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ގާއިމުކުރައްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެރަށުގައި އޭޓީއެމެއް ބަހައްޓަން ވެވަޑައިގެންނެވި ވައުދުވެސް އިރާދަކުރެއްވިއްޔާ ފުއްދަވާނޭކަމަށް ވިދާޅުވެފައެވެ. އަދި 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.  

ގުޅުންހުރި ޚަބަރު