ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ތައިލޭންޑާއި، ޔޫއޭއީ އިން އާސަންދަ ލިބޭނޭގޮތް ހަދައިފި
ޚަބަރު

ތައިލޭންޑާއި، ޔޫއޭއީ އިން އާސަންދަ ލިބޭނޭގޮތް ހަދައިފި

މމުހައްމަދު އަލީ15 ޖެނުއަރީ 2025
އާސަންދަ މެދުވެރިކޮށް އިތުރު ދެ ގައުމަކުން ބޭސްފަރުވާ ކުރެވޭނޭގޮތް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް އާސަންދަ ކުންފުނީން މިއަދު ބުނެފައެވެ. އެ ދެގައުމަކީ ތައިލޭންޑާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އެވެ. އާސަންދަ ކުންފުނީން މިއަދު ވިދާޅުވީ މި ދެގައުމުން އާސަންދަ ލިބޭ ހޮސްޕިޓަލް ތަކުން ޚިދުމަތްދޭނީ ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ކަމަށެވެ. މި ދެ ގައުމުންވެސް ޚިދުމަތް ހޯދުމުގައި އަމަލުކުރާނީ ރާއްޖެއިން ބޭރުގެ އެހެން ގައުމުތަކުން މިހާރުވެސް ޚިދުމަތް ދިނުމުގައި އަމަލުކުރާ ގަވާއިދާއި ނިޒާމުގެ ދަށުން ކަމަށް އާސަންދަ ކުންފުނީ ބުނެފައިވެއެވެ. މި ދެގައުމުން އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާ ކުރުމަށް ފަށައިގަންނައިރު އިސްކަން ދެއްވާނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ މީހުންގެ ތެރެއިން އާއިލާއަށް ކިޑްނީ ހަދިޔާކުރާނޭ މީހަކުނުވެގެން އެކަން ނުވެފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން މީގެ ކުރިން އިންޑިއާއި ސްރީލަންކާގެ ހޮސްޕިޓަލްތަކުން ކުރީން ފަރުވާ ހޯދާފައި ވިޔަސް ބައްޔަށް ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް ވެސް ތައިލޭންޑާއި ޔޫއޭއިން ފަރުވާ ކުރެވޭނެއެވެ. "ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނަރ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ. އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ." "ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެއެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ." އެ ދެ ގައުމުގެ ތިން ހޮސްޕިޓަލާއެކު މި ޚިދުމަތް ފެށުމަށް ސަރުކާރުގެ ފަރާތުން ސޮއިކުރީ 2024 ޑިސެމްބަރުމަހު އެވެ. އެއީ ބެންކޮކުގެ ވޯލްޑު މެޑިކަލް ހޮސްޕިޓަލާއި، ބެންކޮކް ހޮސްޕިޓަލާއި، އަބޫދާބީގެ ބްރިޖު މެޑިކަލްސިޓީ ހޮސްޕިޓަލެވެ. މިއީ ރައީސް މުއިއްޒުގެ ވައުދުގެ ދަށުން ކުރައްވާ ކަމެކެވެ.  

ގުޅުންހުރި ޚަބަރު