ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރައީސް ގްރީނަރޖީ ޑޭޓާ ސެންޓަރސްއަށް ޒިޔާރަތް ކުރައްވައިފި
ޚަބަރު

ރައީސް ގްރީނަރޖީ ޑޭޓާ ސެންޓަރސްއަށް ޒިޔާރަތް ކުރައްވައިފި

މމުހައްމަދު އަލީ17 ޖެނުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ގްރީނަރޖީ ޑޭޓާ ސެންޓަރސް (ޖީ.ޑީ.ސީ) އަށް  މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ރައީސް އެ ސެންޓަރސް އަށް ޒިޔާރަތްކުރެއްވުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ، ކެރްތް އެވެރްތް އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލް ކަމަށެވެ. މި ޒިޔާރަތުގައި ޖީ.ޑީ.ސީ.ގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޕްރެޒެންޓޭޝަނެއް ހުށައަޅައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ޔާކްސޯ ވަނީ، މި ސެންޓަރުގެ މުހިންމު އެއް އަމާޒަކީ ސެންޓަރުގެ ޕާޓްނަރުން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުކޮށްދިނުމަށްޓަކައި އެޑްވައިޒަރީ ރޯލެއް އަދާކުރުންކަން ފާހަގަކުރައްވާފައެވެ. މިއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރ ބައްލަވާލައްވާލައްވައިފައެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ ހަކަތަ ސަމަކާރަ ކުރުމާގުޅޭ މަސައްކަތްތަކާއި ޑޭޓާ ރައްކާކުރުމުގައި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އޮޅުންފިލުއްވާފައެވެ. މި ސެންޓަރަކީ ދެހާސް ވިހި ވަނަ އަހަރު އެފެދުނު ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އެ ސެންޓަރުގެ ސެކިއުރިޓީއާއި ސަވެއިލަންސް ބެލެހެއްޓުމުގެ ނިޒާމަކީ އެޑްވާންސްޑް އޭ.އައި ޓެކްނޮލޮޖީއަށް ބަރޯސާވާ ނިޒާމެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މި ސެންޓަރުގައި ހަކަތަ ސަމަކާރަ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކުނިން އުފެދޭ ހޫނު ހަކަތައަށް ބަދަލުކޮށްގެން ބޭނުންކުރެއެވެ. މި ސެންޓަރުން އެ ސަރަޙައްދުގެ ރަށްތައް ދެމެހެއްޓެނިވި ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށްޓަކާ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރުކުރެވޭ، ހަރުދަނާ، ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ވިއުގައަކުން ގުޅާލުމަށް އެހީތެރިވެދޭ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.  

ގުޅުންހުރި ޚަބަރު