ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ވަޒީފާގެ އެއްބަސްވުން ބާތިލްކުރި މައްސަލައަށް ޖަވާބުދާރީވާން އަމުރުކޮށްފި
ޚަބަރު

ވަޒީފާގެ އެއްބަސްވުން ބާތިލްކުރި މައްސަލައަށް ޖަވާބުދާރީވާން އަމުރުކޮށްފި

އއަހުމަދު މުހައްމަދު22 ޖެނުއަރީ 2025
ޗީފް އެކައުންޓެންޓް އެގްޒެކްޓިވްގެ އެއްބަސްވުން ބާތިލް ކުރި މައްސަލައަށް ޖަވާބުދާރީވާން ހެލްތު މިނިސްޓްރީއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ. މި މައްސަލައަކީ ހުޅުމާލެ އިތާ 18/04 އާރު، އިސްމާއީލް ހަމީދުގެ ފަރާތުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އޭނާ މި މައްސަލަ ހުށަހެޅީ، ހެލްތު މިނިސްޓްރީގެ ޗީފް އެކައުންޓެންޓް އެގްޒެކްޓިވްގެ މަގާމަށް އައްޔަން ކުރުމަށް ކުރިމަތި ލުމުން އެންމެ މަތިން މާކްސް ލިބުނު މީހެއްގެ ގޮތުން އެ މަގާމަށް އޭނާ ހޮވިފައިވާކަން 16 އޮކްޓޫބަރުގައި އަންގައި، ވަޒީފާގެ ލިއުމުގައި ވެސް ސޮއިކުރިފަހުން އެ އެއްބަސްވުން ބާތިލް ކުރި މައްސަލައިގައެވެ. އެ މައްސަލާގައި އިސްމާއީލް ބުނެފައި ވަނީ، ސީއެސްސީން އެދުނުގޮތަށް 19 ނޮވެމްބަރު ގައި ސޮއިކޮށް އެއްބަސްވުން ނިމިފައި ވަނިކޮށް، ބަޖެޓް ގެ ދަތިކަން ހުރިކަމަށްބުނެ އެ މަގާމަށް މީހަކު ބޭނުންނުވާ ކަމަށް އަންގައި ސީއެސްސީން ވަޒީފާގެ އެއްބަސްވުން ބާއިލްކުރި ކަމަށެވެ. އެހެންކަމުން 16 އޮކްޓޫބަރުގައި ސީއެސްސީން ފޮނުވާފައިވާ އޮފާލެޓާއާ އެއްގޮތަށް އޭނާއަށް ވަޒީފާ ހަމަޖައްސައި ދިނުމަށާއި، އެގޮތަށް ވަޒިފާ ހަމަޖައްސައިދޭ ދުވާހާ ހަމައަށް އޭނާ އެ މަގާމުުގައި ހުރިނަމަ ލިބޭނެ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ. މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމާ ގުޅިގެން، ސީއެސްސީން ވަނީ އިޖުރާއީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ބުނެފައި ވަނީ، ވަޒީފާ ހަމަޖައްސައި ދިނުމުގައި ދިމާވާ މައްސަލަތަކާގުޅޭ ކަންކަން ބެލުމުގެ އިހްތިސާސް ޓްރައި ބިއުނަލަށް ލިބިގެންނުވާ ކަމަށެވެ. އަދި މި މައްސަލައިން ނިންމާ ނިންމުމަކީ ތަންފީޒު ކުރެވިދާނެފަދަ ނިންމުމެއް، ނުވަތަ ގާނޫނީ ބާރު ލިބޭ ނިންމުމެއް، ނުވަތަ ހުކުމަކަށް ވެގެންނުދާނެ ނިންމުމަކަށް ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށްވެސް ސީއެސްސީން ޓްރައިބިއުނަލްގައި ވަނީ އެދިފައެވެ. މި މައްސަލަ ބެލުމަށްފަހު ޓްރައި ބިއުނަލުން ނިންމި ނިންމުމުގައި ވަނީ، މި މައްސަލައަކީ ޓްރައިބިއުނަލުން ގޮތެއް ކަނޑައލަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލައަށް މައުލޫއީގޮތުން ޖަވާބުދާރީވުމަށް ސީއެސްސީގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ގުޅުންހުރި ޚަބަރު