ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމްޑީޕީ ނިކުންނަ ކަމެއް ކާމީޔާބުކޮށްފައި ނޫނީ ނުހުއްޓާނެ: ފައިސަލް
ޚަބަރު

އެމްޑީޕީ ނިކުންނަ ކަމެއް ކާމީޔާބުކޮށްފައި ނޫނީ ނުހުއްޓާނެ: ފައިސަލް

އއަހުމަދު މުހައްމަދު1 ފެބްރުއަރީ 2025
އެމްޑީޕީން ކުރަން ނިކުންނަ ކޮންމެ ކަމެއް ކާމޔާބުކޮށްފައި ނޫނީ ނުހުއްޓާނޭ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. "ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގައި މިރޭ ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަވަމުން ތަރައްގީގެ މަޝްރޫއުތައް ދިޔައީ ކުރިއަށް ކަމަށެވެ. ހިނގަހިނގާއޮތް ދައުލަތެއް މިހާރުގެ ސަރުކާރުން މިވަނީ ހުއްޓުވާފައި ކަމަށް ވެސް ވިދާޅުވިއެވެ. އެންސްޕާއާއި އާސަންދަ އަށް އެދިގެން އަންނަ ނިކަމެތި މީހާއަށް އެ ނުލިބޭ ކަމަށާއި އެ އެހީވެސް ދެނީ ސަރުކާރުން ދޭން ބޭނުންވާ ބަޔަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. ސަރުކާރު ހަމަމަގަށް އަޅުވާފައިނޫނީ ދެން އެމްޑީޕީ ގެއަށް ނުވަންނާނޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. މިފަދަ އެތައް ހައްގަކުން ރައްޔިތުން މަހުރޫކޮށްފައިވާތީ މީގެ ކުރިން ދުވަހަކު ވެސް މަގުމައްޗަށް ނުނިކުންނަ މީހުން މިރޭގެ މުޒާހަރާއަށް ނިކުމެ އެބަތިބި ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ގާނޫނުއަސާސީ ފުނޑާލައިފިއެވެ. މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ފުނޑާލައިފިއެވެ. އެހެންކަމުން މުޅި ރާއްޖޭގެ ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ އައީޑީކާޑުތަކުން ވައްކަންކޮށްގެން ޕީއެންސީއަށް މީހުން އިތުރުކުރިޔަސް އެއީ ވޯޓު ލިބޭނޭކަމެއް ނޫންކަމަށެވެ. "މިތަން ނިކަން ބައްލަވާ ރައީސް މުއިއްޒު ބައްލަވާ. ސަރުކާރުގައި ތިބި ބޭފުޅުން ބައްލަވާ. މިތިބީ ދިވެހި ރައްޔިތުން، މާލެއިން އެކަނި ފެންނަ މަންޒަރޭ. ކޮބައިތޯ މުޅި ރާއްޖެ،" ފައިސަލް ވިދާޅުވިއެވެ. މިރޭގެ އެއްވުމަށް އެތައްބަޔަކު ވަނީ ނުކުމެ މަގުގެ ބޮޑުބައެއް ފުރާލައިފައެވެ.  

ގުޅުންހުރި ޚަބަރު