ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަންނަ ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް ތައްޔާރު: އެސްޓީއޯ
ޚަބަރު

އަންނަ ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް ތައްޔާރު: އެސްޓީއޯ

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
އެހެން އަހަރު ތަކުގެ ރޯދަމަހެކޭ އެއްފަދައިން މިއަހަރުގެ ރޯދަމަހުގައި ވެސް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރާވާފައި ކަމަށެވެ. އެގޮތުން ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އަޅުއްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ރޯދަމަހު އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލާ ވަނީ ކޮށްފައެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބުރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ. އެހެނިހެން ޝިޕްމެންޓްތައް ވެސް ގަވާއިދުން ގެނެވޭނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. ޚާއްސަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުމެވެ." މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެ ކެޓެގަރީ ތަކަކީ: އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ ޕްރޮސެސްޑް ކާނާ:  ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ އެސްޓީއޯގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުން ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ. ރޯދަމަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމެކެވެ. އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެސްޓީއޯއިން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު