ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރިޔާސީ ބަޔާން: ހުރިހާ ރަށަކަށް އެޓީއެމްގެ ޚިދުމަތް
ޚަބަރު

ރިޔާސީ ބަޔާން: ހުރިހާ ރަށަކަށް އެޓީއެމްގެ ޚިދުމަތް

މމުހައްމަދު އަލީ6 ފެބްރުއަރީ 2025
ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރީން ފަށްޓަވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ބޭންކިން ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ވެސް ކިތަންމެ އާބާދީ ކުޑަޔަސް ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި، މިއަހަރު ނިމުމުގެ ކުރީން ޚިދުމަތް ދޭން ފަށާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ނަވާރަ ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފެށޭނޭ ކަމަށެވެ. މިއަންނަ އަހަރު އިތުރު 10 ރަށެއްގައި އެމްއައިބީގެ، އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުރިހަމަ ވަސީލަތްތަކަކާއެކު، ރަނގަޅު ފެންވަރުގެ، ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން ރަށްރަށުގެ ބަނދަރުތައް ތަރައްގީ ކުރައްވާނޭ ކަމަށެވެ. މިހާރުވެސް 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި އިތުރު ދިހަ ރަށެއްގައި ބަނދަރުގެ މަޝްރޫޢު ފެށިގެންދާނެކަމުގައި ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން 45 ރަށެއްގެ ފެނުގެ ޚިދުމަތް، އަދި 40 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވާކަމަށެވެ. ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ޚިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭ މުޅިން ނިންމައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީ ނިމޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތް ނިންމައި މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުންކުރަންފެށޭނެކަމަށްވެސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު މި އަހަރު ތެރޭގައި 25 އިންސައްތަ އިތުރު ކުރެވޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މާލޭ ސަރަހައްދުގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން މިއަހަރުގެ ތެރޭގައި 30 އިންސައްތަ އިތުރު ކުރެވޭނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު