ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް
ޚަބަރު

ޣައްޒާގެ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް: ރައީސް

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
ޣައްޒާ ބިމަކީ ފަލަސްތީނު ރައްޔިތުންގެ މިލްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ޣައްޒާއިން ފަލަސްތީނު ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރައްވާނޭ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެ ބިމުން ފަލަސްތީނުގެ ރައްޔިތުން ބަލާއި އެމެރިކާގެ ބެލުމުގެ ދަށަށް އެތަން ގެންނާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެފައިވާ ވަގުތެއްގައެވެ. "އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތެއްގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމަކީ، ފަލަސްތީނުގެ ވެރިރަށް ކަމުގައި ގަބޫލުކޮށް، ފަލަސްޠީނުގެ ވަކި ދައުލަތެއް އުފެއްދުމަށް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވަކި ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަގީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން އަބަދުވެސް ދެއްވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފައި ކަމަށްވެސް ވިދާޅުވިއެވެ. "ހަމަ އެހެންމެ، އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި، އަލިފުދާލާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން، އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އަލިފުދާލުގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު، ދިވެހިރާއްޖެއިން ވާނީ ކޯ ސްޕޮންސަރ ކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު