ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން: ރައީސް
ޚަބަރު

ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން: ރައީސް

މމުހައްމަދު އަލީ7 ފެބްރުއަރީ 2025
ސްޓޭޓް އޮފް ދި އަރޓް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ކުރަންޖެހޭ ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދޅުވީ މިއީ އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއް ކަމަށެވެ. މި ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. "ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް، ހުޅުމާލޭގައި މި މަޝްރޫއށް ޚާއްސަ ކުރެވިފައިވާ ބިމުގައި މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިފަދަ ހޮސްޕިޓަލެއް އެޅުއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތެލެސީމިއާ ބަލިމީހުންނަށް މިހާރު ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީވެސް ރިޔާސީ ވަޢުދެއް ކަމަށެވެ. އެ ވަޢުދުގެ ދަށުން، ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންސިއުމަބަލްސް، ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުމަށްޓަކައި އިންތިޒާމުތައް ފުރިހަމަކުރެވި، މިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ފޮނުވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މެންޓަލް ހެލްތުގެ ދާއިރާއަކީވެސް އެމަނިކުފާނު ނުހަނު އިސްކަންދެއްވާ ދާއިރާއެއް ކަމަށެވެ. އެކަމަށް އިސްކަން ދެއްވުމުގެ ގޮތުން ސައުވީސް ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕް ލައިންގެ ގޮތުގައި 1677ގެ ޚިދުމަތް، މާރިޗު 2024 ގައި ވާނީ ފަށާފައި ކަމަށެވެ. 2024ގެ ނިޔަލަށް 2461 ފަރާތަކުން މި ޚިދުމަތުގެ ބޭނުންކޮށްފައިވެއެވެ. ރައީސް ވިދާޅުވީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅޫމަށާއި، ގދ. ގައްދޫގައި ހޮސްޕިޓަލެއް އެޅުމާއި، ތ. ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުންދާކަމަށެވެ.  

ގުޅުންހުރި ޚަބަރު