ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ލާހޯރު ޗާޓަރު: އެއްބަސްވީ ޑިމޮކްރަޓިކް އުސޫލު ދެމެހެއްޓުމަށް
ޚަބަރު

ލާހޯރު ޗާޓަރު: އެއްބަސްވީ ޑިމޮކްރަޓިކް އުސޫލު ދެމެހެއްޓުމަށް

މމުހައްމަދު އަލީ9 ފެބްރުއަރީ 2025
ސީޕީއޭ އޭޝިއާއާއި ސައުތު-އީސްޓް އޭޝިއާގެ ފުރަތަމަ ރީޖަނަލް ކޮންފަރެންސްގައި، ލާހޯރު ޗާޓަރު މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޡިމް ކަމަށެވެ. ލާހޯރު ޗާޓަރުގައި މެންބަރު ޤައުމުތަކުން އެއްބަސްވެފައިވަނީ ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމަށެވެ. އޭގެ އިތުރުން ތަފާތުކުރުމެއް ނެތި ޖަމާޢަތުގެ ހުރިހާ ފަރާތްތައް ޝާމިލުވާ، ވަށައިޖެހޭ ތަރައްޤީއަށް މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން ޤާނޫނު ހަދާ މަޖިލިސްތަކުން އެއްބާރުލުން ދީގެން ސަރަޙައްދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޕާލަމެންޓްތަކުގެ ލީޑަރުން ވަޢުދުވެ ވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ. މީގެއިތުރުން، ޑިމޮކްރެޓިކް އުސޫލުތަކާއި ދުސްތޫރީ އުސޫލުތަކާއި ޤާނޫނު ހަދާ މަޖިލީހުގެ ސިޔާދަތު ދަމަހައްޓައި، މުއައްސަސާތަކަށް އާންމުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރުމަށްވެސް ޤާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، އިޖްތިމާއީ އިޤްތިޞާދީ ތަފާތުތަކާއި، ޓެކްނޮލޮޖީގެ ބަދަލުތައް ފަދަ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާ ކުރިމަތިލުމަށް، ތަޝްރީޢީ ޙައްލުތައް ހޯދުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން މަސައްކަތް ކުރުމަށް ވެސް ލާހޯރު ޗާޓަރުގައި ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ޢިލްމާއި ތަޖުރިބާ ޙިއްސާކުރުމާއެކު އެންމެ ރަނގަޅު ހަމަތަކަށް ވަކާލާތުކުރުން މަތީގައި ދެމިތިބުމަށްވެސް ސީޕީއޭގެ މެމްބަރު ޤައުމުތަކުން އެއްބަސްވެފައިވެއެވެ. ލާހޯރުގައި ބޭއްވި، ކޮންފަރެންސްގައި ބައިވެރިވި ޤާނޫނު ހަދާ މަޖިލިސްތަކުގެ ލީޑަރުން ވަނީ ސަރަހައްދީ އެއްބާރުލުމާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އަޚުލާގީ ގޮތަށް ތަރައްޤީކޮށް ކުރިއެރުވުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ސިއްހީ ފަރުވާއާއި ތަޢުލީމާއި މޫސުމާ ބެހޭ ފިޔަވަޅުތަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ކުރިއެރުވުމަށްވެސް މަންދޫބުން އެއްބަސްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވެސް މަޖިލީހުގެ އިދާރައިން ވަނީ ވިދާޅުވެފައެވެ.    

ގުޅުންހުރި ޚަބަރު