ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސުޕްރީމްކޯޓުގެ ފަނޑިޔާރުން މަދުކުރުމަކީ ހުތުރު އަމަލެއް: ފައްޔާޒު
ޚަބަރު

ސުޕްރީމްކޯޓުގެ ފަނޑިޔާރުން މަދުކުރުމަކީ ހުތުރު އަމަލެއް: ފައްޔާޒު

މމުހައްމަދު އަލީ24 ފެބްރުއަރީ 2025
ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019 އަދި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވުނު ބަދަލު ކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. "ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވެފައިވެއެވެ. ސަރުކާރުގެ މިއަމަލަކީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން މިއުޅެގަތީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅައި އެކަން ބަލަންފަށައިފައިވާ ވަގުތެއްގައެވެ. ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. ފައްޔާޒު ވިދާޅުވެފައިވަނީ މިމައްސަލަ ހުށަހަޅައި ބަލަން ފެށުމުން ސަރުކާރުން ފަނޑިޔާރުންނަށް ބިރުދެއްކެވި ކަމަށެވެ. "އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު