ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މަހުލޫފުގެ ސުވާލު: ސުޕްރީމް ކޯޓުގެ ބެންޗުން ގޯސްކޮށް ކުރީ ކޮންކަމެއްތޯ؟
ޚަބަރު

މަހުލޫފުގެ ސުވާލު: ސުޕްރީމް ކޯޓުގެ ބެންޗުން ގޯސްކޮށް ކުރީ ކޮންކަމެއްތޯ؟

މމުހައްމަދު އަލީ24 ފެބްރުއަރީ 2025
ހަމަގައިމުވެސް އެކޯޓުގެ ފަނޑިޔާރުންގެ ތައުލީމާއި ތަޖުރިބާ، މިނިވަންކަމާއި އަދި ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން ވަރަށް މަދުން ނޫނީ ރައްޔިތަކު ޝަކުވާކުރާ އަޑެއް ނީވެއެވެ. ކިރިޔާވެސް އަޑެއް ހުރީ ރައީސް ޔާމީނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ނިންމެވި ނިންމެވުމާއި ގުޅިގެން، އޭރު ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުމެވެ. ނަމަވެސް މިއަދު އެބޭފުޅުން އެކަމަށް ތާއީދުކޮށް އަދި އަތްޖަހަނީވެސް މާބާރަށެވެ. ކަންމިހެން އޮތްއިރު އަދި ޤާނޫނުއަސާސީއަށް ބަދަލުގެނައި މައްސަލަ އެކޯޓުގައި ހިނގަހިނގާ އޮއްވާ، ހަމަ ކުއްލިއަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަކީ ކޯޓަން ނުފޫޒު ފޯރުވާ އަދި ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ސަރުކާރަށް ނެގުމުގެ ވިސްނުމުގައި ކުރާ މަސައްކަތެއްކަން ޔަގީނެވެ. ސުޕްރީމް ކޯޓަށް އެއްވެސް ބަދަލެއް ގެންނަށް ނޫޅޭކަން ސަރުކާރުން ހާމަކުރިތާ އަދި މިވީ މަދު ދުވަސްކޮޅެކެވެ. ބާރު އޮތަތީ ހަމަކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. އެކަމަކު އެއީ ކުޑަދުވަސްކޮޅެއްގެ ކަމެއްކަމާއި އަދި އާހިރުގައި އެކަމުގެ އެންމެ ބޮޑު އަނިޔާއެއް އަދި ގެއްލުމެއް ލިބޭ ބަޔަކީވެސް އެކަންކަން ކުރުމުގައި އެންމެބޮޑަށް ބައިވެރިވެ އެއްބާރުލުންދޭ ފަރާތްތަކަށްކަން، ކައިރި ދުރުނޫން މާޒީއެއްގައި ހިނގާފައިވާ މިފަދަ ބައެއް ކަންކަމުން ފެންނާނެއެވެ. އޭގެ އެއް މިސާލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ 12 މެންބަރުންނާއިމެދު ކަންހިންގާ ދިޔަގޮތެވެ. މިނިވަންކަމާއެކު ހިނގަހިނގާ އޮތް ކޯޓެއްގައި އަތްލާ އަދި ސުޕްރީމް ކޯޓަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާނުލުމަށް ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށް ގޮވާލަމެވެ. ނޫންނަމަ މާދަމާ އެކަމާ އެންމެބޮޑަށް ހިތާމަކުރާނެ އެއް ބަޔަކީ ތިޔަ މަޖިލީހުގެ ބައެއް މެންބަރުންކަން ކަށަވަރެވެ. ނޯޓު: ކުރީގެ މިނިސްޓަރ އަދި މަޖިލިސް މެންބަރު އަހުމަދު މަހުލޫސް ސޯޝަލް މީޑިއާގައި ލިޔުއްވާފައި ލިޔުމެއް

ގުޅުންހުރި ޚަބަރު