ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސްޓެލްކޯއިން ހައްޖަށާއި އުމްރާއަށް ފޮނުވާ މީހުން ހޮވައިފި
ޚަބަރު

ސްޓެލްކޯއިން ހައްޖަށާއި އުމްރާއަށް ފޮނުވާ މީހުން ހޮވައިފި

މމުހައްމަދު އަލީ13 މާރިޗު 2025
ސްޓެލްކޯގެ ފަރާތުން 1446 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ. ހައްޖާއި، އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ އެކަމަށްޓަކައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ، ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް ގައި މަސައްކަތްކުރާ، އަހްމަދު ވަހީދާއި، ކ. ކާށިދޫ އިންޖީނުގޭގައި މަސައްކަތްކުރާ ހަސަން ޒަރީރާއި، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އާމިނަތު ޖަލީލާ އެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ، ވިލިނގިލި އަވަށު އިންޖީނުގޭގައި މަސައްކަތްކުރާ ބުންޔާމީން މުހައްމަދު ނަސީރާއި، އަހުމަދު މުސްތަފާއާއި، ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޝިފްރާ އިލްހާމެވެ. ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެކެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 215 މުވައްޒަފެކެވެ. 2023 ވަނަ އަހަރާއި ހަމަޔަށް ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މިދިޔަ އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެނަކާއި، އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައެވެ. އެހެން ކަމުން މިއަހަރު ހޮވާފައިވަނީ އެގޮތަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު