ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ހެލްތު މިނިސްޓްރީން ހައިކޯޓަށް
ޚަބަރު

ހެލްތު މިނިސްޓްރީން ހައިކޯޓަށް

އއަހުމަދު މުހައްމަދު20 މާރިޗު 2025
އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަރ އެންޓަޕްރައިސަސް ލިމިޓެޑަށް 32.7 މިލިޔަން ރުފިޔާ ދޭން ހެލްތު މިނިސްޓްރީ (ދައުލަތް)ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް، ހެލްތު މިނިސްޓްރީގެ ފަރާތުން ހައިކޯޓަށް ހުށަޅައިފިއެވެ. މި މައްސަލައަކީ ހެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް އަށް ސެންޓަ އެންޓަ ޕްރައިސަސް އިން ފޯރު ކޮށްދީފައިވާ ސިއްހީ ހިދުމަތްތަކާބެހޭ މުދަލަށް އެތަނުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ސެންޓަ އެންޓަ ޕްރައިސަސް އިން ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ. މި ދައުވާގައި ސެންޓަ އެންޓަ ޕްރައިސަސް އިން އެދިފައިވަނީ، އެ ތަނުން ފޯރުކޮށްދިން މުދަލުގެ އިންވޮއިސްތަކުގައި، ހެލްތު މިނިސްޓްރީން ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ 32.7 މިލިޔަން ރުފިޔާ އާއި އެއްބަސްވުމުގައިވާ މުއްދަތުގައި އެފައިސާ ދައްކާފައިނުވާތީ، ޖޫރިަނާގެ ގޮތުގައި ލިބެންޖެހޭ 51.1 ރުފިޔާއާއެކު ޖުމްލަ 83.9 މިލިޔަން ރުފިޔާ ހެލްތު މިނިސްޓްރީން ހޯދައި ދިނުމަށެވެ. ސިވިލްކޯޓުން މި މައްސަލަ ބެލުމަށްފަހު ހުކުމްކުރީ، އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގޮތުގައި ހޯދުމަށް ސެންޓަ އެންޓަ ޕްރައިސަސް އިން އެދިފައިވާ 51.1 މިލިޔަން ރުފިޔާއަކީ ދޭންޖެހޭ ފައިސާއެއްކަމަށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް އިންވޮއިސްތަކުގައި ހިމެނޭ 32.7 މިލިޔަން ރުފިޔާއަކީ ސެންޓަ އެންޓަ ޕްރައިސަސްއަށް ހެލްތު މިނިސްޓްރީ (ދައުލަތް) އިން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ ފެބްރުއަރީ މަހުުގެ 10 ވަނަ ދުވަހު ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ސިވިލްކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ގޯސްކޮށްކަމަށްބުނެ ހެލްތު މިނިސްޓްރީން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ވަނި ހުށަހަޅައިފައެވެ. ނަމަވެެސް އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަތްފައެއްނުވެއެވެ.

ގުޅުންހުރި ޚަބަރު