ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންއައި ސާދަ ތަނެއް ބަންދުކޮށްފި
ޚަބަރު

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންއައި ސާދަ ތަނެއް ބަންދުކޮށްފި

މމުހައްމަދު އަލީ29 މާރިޗު 2025
މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ފާހަގަކުރެއްވިއެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އިތުރަށް ވިދާޅުވިގޮތުގައި، މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ ތަނެއް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނެއެވެ. ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ނާޢިފް ވިދާޅުވިގޮތުގައި، މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމު ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަންވެސް ފުލުހުންވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ޚަބަރު