ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވަގެއްގެ ބޮލަށް ކުލަފާޓާއެއް އޮއްސާ ހިސާބަށް ދިޔައީ ކީއްވެ؟
ރިޕޯޓް

ވަގެއްގެ ބޮލަށް ކުލަފާޓާއެއް އޮއްސާ ހިސާބަށް ދިޔައީ ކީއްވެ؟

ހިރި ނިއުސްހިރި ނިއުސް19 އޭޕްރީލް 2025
ވަގެއްގެ ބޮލަށް ކުލަފާޓާއެއް އޮއްސާ ހިސާބަށް ދިޔައީ، ވަގުންގެ އަތް ނުކަނޑާތާ ގަރުނެއް ވެފައިވާތީއެވެ. ވައްކަންކުރަނީ ކާކުތޯ ނުބަލައި، ކޮންމެ ވަގެއްގެ އަތް ކަނޑަމުން ކަނޑަމުން ގެންދިޔަނަމަ، މިސާލަކަށް ދައްކައިލާނެ ވަގަކުވެސް މިހާރު މި ޤައުމަކުން ނުފެނުނީހެވެ. އެކަމަކު، ވަގުންނަށްވުރެ ގިނަ އެއްޗެއް މިހާރު މި ޤައުމުގައި ނެތްކަހަލަ އެވެ. އެކަމަކު، ވަކިން ފާހަގަވެ މަޝްހޫރުވީ މާފުށީ ހުދުވަގު ތާއެވެ! އާނއެކެވެ. އެއީވެސް ކުރަންވާ ޒާތުގެ ކަމެއް ނޫނެވެ. ކުލަހަދަނީ ވަގުންގެ ބޮލަށް އޮއްސާކަށްވެސް ނޫނިއްޔާއެވެ. ވަގުބޮލަށް ކުލައެޅިބަޔަކު އެޅީ އޭނާގެ އަތްކަނޑާން ނުކެރިގެންނެވެ. ޝަރުޢީ އަދަބަކީ، އަތްކެނޑުމެވެ. މަގުމަތިން ޤާނޫނު ހިންގީއޭ ބުންޏަސް އެއީ ދޮގެކެވެ. މަގުމަތީން ޤާނޫނު ހިންގިނަމަ އޭނާގެ އަތް ކެނޑީހެވެ. އޭނާގެ ބޮލަށް ކުލައަޅައިގެން ރޮވޭބަޔަކު، އޭނާގެ އަތްކެނޑިނަމަ ހޭކެނޑޭނެތާއެވެ. ހޭކެނޑުނަސް، މޮޔަވިޔަސް ވައްކަމުގެ ޝަރުޢީ ޢުޤޫބާތަކީ އަތް ކެނޑުމެވެ. އެ ނޫނީ އެކަމެއް ކުރި ގުނަވަން ކަނޑަންޖެހޭ ކުށެއް ނޯވެއެވެ. އެއީ އެ ގުނަވަން ހައްދަވައި ހަށިގަނޑުގައި ލެއްވި ﷲ ކަނޑައެޅުއްވި ޢުޤޫބާތެވެ. ﷲ އަށްވުރެ އޯގާތެރިވާން ނުއުޅޭށެވެ. ކިތަންމެ މަޖާކޮށް ދެއްކިޔަސް މިއީ މަޖާވާހަކައެއް ނޫނެވެ. މިއީ ސީރިއަސް ވާހަކައެކެވެ. ތިމާގެ އަމިއްލަ ޤައުމުގެ ޙާލަތާމެދު ދައްކަން ލަދުވެތި ވާހަކައެކެވެ. އެހެންވެ ނުދައްކާން ލައްކަ ކެތްކޮށްފައި، ކިތަންމެ ގިނަބަޔަކު ނުރުހުނަސް، ކޮންމެވެސް މީހަކު މި ވާހަކަ މި ގޮތަށް ދައްކަންޖެހޭނެކަމަށް ފެންނާތީ ދެއްކީ އެވެ. އަހަރެމެންނަށް ޤައުމު މި ކުރެވެނީ އިސްލާހު ހެއްޔެވެ؟ ނޫނީ އަހަރެމެންގެ އަމިއްލަ އަތްތަކުން އަމިއްލަ ޤައުމު މަގުފުރައްދައި މި ހަލާކު ކުރަނީ ހެއްޔެވެ؟ މި ކުރެވެނީ ކީއްކަމެއް ހަމަ އުޅެއުޅެ ނޭނގުނެވެ. ކުރިން އުޅުނުގޮތް ގޯސްވެގެން، އިޞްލާޙަށް ނުކުމެ، ޤާނޫނު އަސާސީއާއި، ޖިނާއީ ޢަދުލުގެ ޤާނޫނު ބަދަލުކޮށްފީމުއެވެ. ކޮންމެ ފަސްއަހަރަކުން ވެރިކަން އެބަ ބަދަލު ކުރަމު އެވެ. މިވަނީ އިސްލާޙު ހެއްޔެވެ؟ ނޫންނަމަ، މިދަނީ ފަނުފުލުން ހެއްޔެވެ؟ ކުއްކުރީ ކުލަފާޓާ އޮއްސާލި މީހާއޭ ހީވާވަރަށް ބަޔަކު އެވާހަކަ އެބަ ދައްކައެވެ. އެކަމަކު، އެއީ ކުޑަ މިންވަރެކެވެ. ބުރިކުރަންޖެހެނީ އަތެވެ. ކުލަފާޓާއިން ވަގު ފާހަގަކޮށްދިނީމައި، ތިޔަ ޢަދުލުވެރި ކޮމިޝަންތަކުން އޭނާ ބަލައިގަނެ، އޭނާ ކުރި ވައްކަމުގެ ޝަރުޢީ އަދި ޤާނޫނީ ޙުކުމަކާ ހަމަޔަށް ނިކަން ގެންގޮސްދީބަލާށެވެ! ދެވަނަ ކުލަފާޓާއެއް އޭނާގެ ބޮލަށް އޮއްސުނަނުދީ ސަލާމަތް ކޮށްދީބަލާށެވެ! ބަލަ! ދުނިޔޭގެ އެންމެން ނިކުމެ ކުރިޔަސް ނުބައިކަމެއް ވާނީ ހަމަ ނުބައި ކަމަކަށެވެ. ވައްކަމަކީ ނުބައިކަމެކެވެ. އެއީ ދަރަޖަމަތިވެރި މާތްކަމެކޭ އަހަރެމެންނަށް މި ހީވަނީ އަހަރެމެންގެ ތެރެއިން ދަރަޖަމަތިވެރި މާތް މީހުންނާ ވައްކަމާ ގުޅޭލެއް ބޮޑުކަމުންތާ އެވެ. އަގުބޮޑު ކާރުތަކުގައި، ރީތި އުސް އިމާރާތްތަކުގައި، ރީތި ސޫޓާއި ބޫޓު ލައިގެން މީރުވަސްދުވާ ސެންޓުޖަހައިގެން މިނިވަންކަމާއެކު އުޅެވޭތީތާ އެވެ. އެބުނަނީވެސް އެކުން ދޮގެއް ނޫނެވެ. ދައުލަތުގެ ފައިސާއިން މިލިޔަނުން ވައްކަންކުރީމައި ލިބެނީ މަޤާމުގެ ކުރިއެރުމެކެވެ. ޕާޓީގެ އިސް މަޤާމެކެވެ. މުޖުތަމަޢުގެ ޤަދަރާއި އިޙްތިރާމެވެ. އެތައް ބައެއްގެ ހިތުލޯތްބެވެ. މާފުށީވަގު ކުޑަކުޑަ ވައްކަމެއް ކޮއްލީމައި ބޮލަށް އެ އޮއްސައިލަނީ ހުދުކުލަފާޓާއެކެވެ. ވައްކަމުގައިވެސް ހަމަހަމަކަމެއް ނެތީއެވެ. އެހެން ކަންކަމުގައިވެސް ނޯންނަފަދައިންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި، އޮޑިޓަރ ޖެނެރަލެއްގެ ވާހަކައަކާއި، ޕްރޮސެކިއުޓަރ ޖެނެރަލެއްގެ ވާހަކައަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަނެއްގެ ވާހަކައަކާއި، ހިއުމަން ރައިޓްސް ކޮމިޝަނެއްގެ ވާހަކަ ލިޔުނީ، އެ ޤާނޫނު ކުރުވެގެން ބަޔަކު އުޅެފާނެތީ، ތަންކޮޅެއް ދިގުކޮށް ސޮފުހާތަކެއް އިތުރުކޮށްލާންވެގެން ކަމަށްވެސް ވެދާނެ އެވެ. ހަމަގައިމުވެސް އޭގެ މާބޮޑު ބޭނުމެއް ނުފެނެއެވެ. ޙައްޤޭ، ޙައްޤޭ ކިޔަން ވާނީ، ޙައްޤު ޙިމާޔަތް ކުރެވިފައި އޮތް ތަނެއްގަ އެވެ. އެ ނޫންތަންތާނގައި އެ ވާހަކަ ދެއްކީމައި އަންނާނީ ހިންޏެވެ. އަރާނީވެސް ހިންޏެވެ. ހިނި އަރާތީ ފޮޅައިލާން އެއްލޭއަަތަކުން ހިފޭނީ އެންމެ ކައިރީގައި ހުރި އެއްޗެއްގަ އެވެ. އެއީ ކުލަފާޓާއެއް ކަމުގައި ވެސް ވެދާނެ އެވެ. ދެން އެ އަތްލެވޭ ގޮތަކުން އެ ކުލަފާޓާ ކޮންމެވެސް މީހެއްގެ ބޮލަށް އޮއްސެނީ އެވެ. އިއްތިފާޤަކުން އެ މީހާ މިވަނީ ވަގަކަށެވެ. ކުރާނެކަމެއް ނެތެވެ. އެކަންވާ އެ އޮތީ ވެ ނިމިފައެވެ. ކުލަފާޓާ ވަގުބޮލަށް އޮއްސައިލުމުން ހަމަ ގައިމުވެސް އެއްކަމެއް ވެއްޖެއެވެ. ވަގަކުބޮލަށް ކުލަފާޓާއެއް އޮއްސައިލައިފިކަން ގިނަބަޔަކަށް އެނގިއްޖެއެވެ. ކަޅުވަގަކު ހުދުކޮށްފައި ދެއްކިއްޖެއެވެ. ޙައްޤުކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އެކަމަކު މަށެއް އެކަމެއް ކުށްވެރިއެއް ނުކުރަމެވެ. މަ އަދިވެސް މި ކުށްވެރިކުރަނީ ވަގުކަލޭގެއެވެ. ވައްކަން ކުރަންވާނީ އަތްކަނޑާފާނެކަން ވެސް ދެެނެހުރެއެވެ. އެއަށްވުރެ ކުޑަގޮތަކުން ބަޗައިގަނެވުނީތީ އަސްލުގައި ޙަމްދުކުރާންވީއެވެ.
  • ލިޔުނީ: މުހައްމަދު ނަސީރު އަލީ
 

ގުޅުންހުރި ޚަބަރު