ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ދުނިޔޭގެ ކަންހިނގާ ގޮތް އެނގޭނީ ވިސްނާ ބަޔަކަށް!
ރިޕޯޓް

ދުނިޔޭގެ ކަންހިނގާ ގޮތް އެނގޭނީ ވިސްނާ ބަޔަކަށް!

ހިރި ނިއުސްހިރި ނިއުސް28 އޭޕްރީލް 2025
ދުނިޔޭގެ ކަންކަން ހިނގަނީ އަހަރެމެން ހީކުރާހައި ގޮތަކަށެއް ނޫނެވެ. ކަންހިނގާ ގޮތް އެނގޭނީ ވިސްނާ ބަޔަކަށެވެ. ބިން ކޮނެގެން އެންމެ ގިނައިން ރަން ނަގާ އެފްރިކާގެ ގިނަ ޤައުމުތަކުގެ ޚަޒާނާތަކުގައި ރަނުގެ އެއްވެސް މިންވަރެއް ނެތެވެ. ރަނުގެ އެންމެ ބޮޑު އެއް ޚަޒާނާ ހުރި ފަރަންސޭސި ވިލާތުގައި ރަން ނަގާ އެންމެ މައިނެއް ވެސް ނެތެވެ. ބުރަ މަސައްކަތުން ގޮވާން އިންދައި ހައްދާ އޭޝިޔާގެ ގިނަ މީހުންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބިގެން ނުކައި ތިބޭތީ ހިކި އަނަރޫފަ ވެފައި ތިބޭއިރު، ދުވަހަކުވެސް ގޮވާން ދަނޑެއް ނުދެކި، ބައިބޯ ސިޓީތަކުގައި ދިރިއުޅޭ ވިލާތުގެ ގިނަމީހުންނަކީ، މޮޅުކާނާ ގިނައިން ކާތީ ފަލަވެ މަސްޖަހައިގެން އެ މަސްވިރުވާން ކަސްރަތުކުރާ މީހުންނެވެ. އެމެރިކާގައި ސިޓީތައް ބިނާކޮށް، ކޮންޑޮމީނިއަމްތައް ހަދަނީ ލެޓިން އެމެރިކާގެ ފަގީރު ކޮންސްޓްރަކްޝަން ލޭބަރުން ކަމުގައި ވިޔަސް އެތަންތާނގައި ދިރިއުޅެ، އަރާމުގައި ނިދަނީ އެ މަސައްކަތް ކުރިތަން ލޮލުންވެސް ނުދެކޭ އެމެރިކާގެ މުއްސަނދިންނެވެ. ދިވެހިރާއްޖޭގައި ސެވަންސްޓަރ ފެންވަރުގެ ރިސޯޓްތައް ހުންނަ ވާހަކަ މީހުން ދައްކައި އުޅުނަސް، އެއިންތަނެއް ހަމަލޮލުން ފެންނަ ހިސާބަށް ދެވޭފެންވަރުވެސް، އާންމު ދިވެއްސެއްގެ ކިބައަކު ނުހުރެއެވެ. މައިންބަފައިން ލޯބޯފިއްސައިގެން، އަތްފައިން ބުރަމަސައްކަތް ކޮށްގެން ނުކައި ނުބޮއި ފައިސާ އެއްކޮށްގެން މޮޅަށް ކިޔަވައިދީ، ތަނަވަސް ދިރިއުޅުން ހޯދައިދޭ ދަރިން، މައިން ބަފައިން މުސްކުޅިވެ، އެކަނިވެރިވެ، ބަލިކަށިވާދުވަހު ހާލުބަލައިލަން ފޯނުން ގުޅައެއްވެސް ނުލަ އެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް ހޭލައްވައި ހެޔޮ ނަސޭހަތްދޭ މީހުންދެކެ ގިނަ މީހުން ގަޔާ ނުވިޔަސް، ދުނިޔޭގެ އެދުންވެރިކަން ދައްކައިގެން، މީސްތަކުން މަގުފުރައްދަން އުޅޭ މީހުންދެކެ ލޯބިވާ ފޭނުންގެ އަދަދު މިލިއަނުން ގުނައިލެވެ އެވެ. އެމެރިކަން ޑޮލަރަކީ، ކާއެއްޗެއް، ބޯއެއްޗެއް، މަޢުދަނެއް، ފޭރާމެއް، ގޮވާމެއް، ގަހަނާއެއް، ހަކަތައެއް ނޫން ނަމަވެސް، މި ބުނި އެންމެހައި ތަކެއްޗަށްވުރެ ބާރަށް ދުނިޔޭގައި ވިކެމުން ދަނީ، މެޝިނަކުން ޗާޕްކޮށްފައި އޮންނަ އެ ކުޑަކުޑަ ކަރުދާސްކޮޅެވެ. މިހެންގޮސް އެތައް ވާހަކައެކެވެ.
  • ލިޔުނީ: މުހައްމަދު ނަސީރު އަލީ
 

ގުޅުންހުރި ޚަބަރު