ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ވަޑައިގަންނަވާނީ ވަޢުދުތައް ފުއްދަވައިދިނުމުގެ ޢަޒުމުގައި ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްސަސާތައް ހަރުދަނާކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހިކުރުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކަކީ އެމަނިކުފާނު ޚާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތުދެއްވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަހައްދު (އީ.އީ.ޒެޑް) ގައި ވުނަކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުސަތުތައްވެސް ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން ޝައުގުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްގީގެ ބައިވެރީން ހޯދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތައްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.




