ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރަސްފަންނު: މޫދަށް އެރޭ ސަރަޙައްދު ވަކިކުރަނީ
ޚަބަރު

ރަސްފަންނު: މޫދަށް އެރޭ ސަރަޙައްދު ވަކިކުރަނީ

މމުހައްމަދު އަލީ6 މޭ 2025
މާލޭ ރަސްފަނުގައި މޫދަށް އެރޭ ސަރަހައްދު ވަކި ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މެރިން ފުލުހުންނާއެކު ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވެފައިވަނީ ކަނޑު ތޮށިން ފެށިގެން ބޭރަށް، 15 މީޓަރަށް ބޮއި އަޅައި އެ ސަރަހައްދު ވަކިކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައި ވާކަމަށެވެ. މިއާއެކު މިހާރު މަސްބާނަން ތިބޭ ތަނަކީ މީހުން މަޑުކޮށްލަން ހަދައިފައިވާ ތެނެއްކަމުން މަސްބާނަން ތިބޭނެތަނެއް ހެދުމަށް ޓެންޑަރ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ފުލުހުންނާއެކު މިއަދު ސިޓީކައުންސިލުން ބޭއްވި ބައްދަލުވުމަކީ ރަސްފަންނު މޫދު ސަރަހައްދުގެ (އުރަފަށު ކައިރިއަށް) މޫދަށް އެރޭ ފަރާތްތަކާއި ޑައިވު ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް، މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ކަނޑު އުޅަނދު ފަހަރު ދަތުރުކުރުމުގައި ރަސްފަންނު ކަނޑު ތޮއްޓާ ކައިރި ކުރެވޭނެ ދުރުމިނެއް ކަޑައަޅައި، އެ ސަރަހައްދު ވަކިކުރުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. އަދި މޫދަށް އެރޭ ފަރާތްތަކާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް، އެ ސަރަހައްދު ކަނޑުތޮއްޓާއި ކައިރި ކުރުމަކީ ރައްކާތެރިކަމެއް ނޫންކަން ހަދާންކޮށް ދިނުމުގެ ގޮތުން، ސައިންބޯޑުތަކެއް ހަރުކުރުމަށް މިއަދުވަނީ ހަމަޖައްސާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ފާހަގަ ކުރި އިތުރު ކަންތައްތަކުގެ ތެރޭގައި، އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް، އެ ސަރަހައްދާއި ކައިރި ކުރުމަކީ ނުރައްކާ ތެރި ޙާދިސާއެއް ހިނގާފާނެ ކަމެއްކަން އަންގައިދި ހޭލުންތެރިކުރުމަށް ޓަކައި، އުޅަނދު ފަހަރު ބޭނުން ކުރާ ފަރާތްތަކަށް ލީފުލެޓެއް ބެހުމަށް ނިންމިއެވެ. އަދި މަސް ބާނަން ދޮށި އުކާ ފަރާތްތަކުން، މީހުން މޫދަށް އެރިއުޅޭ ވަގުތު ތަކުގައި، އެ ސަރަހައްދަށް ދޮށި އުކުމަކީ ރަނގަޅުކަމެއް ކަމުގައި ނުވާތީ، އެ ފަރާތްތަކަށް އެ ކަން އެންގުމަށް ވެސް މަޝްވަރާ ކުރެވުނެވެ.    

ގުޅުންހުރި ޚަބަރު