ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޑިޖިޓަލައިޒް ކުރުމުގެ މައިިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލަން: ރައީސް
ޚަބަރު

ޑިޖިޓަލައިޒް ކުރުމުގެ މައިިގަނޑު މަގުސަދަކީ ކޮރަޕްޝަން ނައްތާލަން: ރައީސް

ހިރި ނިއުސްހިރި ނިއުސް10 މޭ 2025
ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ 'ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް' އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެސްޓޯނިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި 2 ވަނައަށް އޮތް ޤައުމުކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މަޢުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ޚިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަށާޖެހޭ، މާނަހުރި، ދެމެހެއްޓިނިވި ތަރައްޤީ، ހާސިލުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި އުމްރާނީ ތަރައްޤީގެ އިތުރުން މުޖުތަމަޢުގެ ކަންކަން ރަނގަޅުކޮށް 'ގްޑް ގަވަރނަންސް'ގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަސައްކަތްތައްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަވުމުން މިހާރުގެ ވަރކް ފޯސްގެ ތިން ބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް، 2028 ވަނަ އަހަރާހަމައަށްދާއިރު ބަދަލުކުރުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާމަސައްކަތުގައި އެއްބާރުލުމްދެއްވުމަށް ގޮވާލައްވާފައެވެ. އަދި އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ޑިޖިޓަލައިޒޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ޚާއްޞަ ކަންކަން ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މުޅި 'ދިވެހިރާއްޖެ 2.0 މަޝްރޫޢު ފުރިހަމަ ކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާ ބޭނުންކޮށް ރާއްޖެއަށް އެންމެ ފެތޭނެގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެސްޓޯނިއާ ސަރުކާރުގެ މާހިރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު