ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޅަދަރީން ހެޔޮގޮތުގައި ބޮޑުކުރުން، ކުރިމަގަށް އޮތް އެންމެބޮޑު ޔަގީންކަން
ޚަބަރު

ޅަދަރީން ހެޔޮގޮތުގައި ބޮޑުކުރުން، ކުރިމަގަށް އޮތް އެންމެބޮޑު ޔަގީންކަން

ހިރި ނިއުސްހިރި ނިއުސް10 މޭ 2025
ކުޑަކުދިންނަކީ، އެންމެންގެ ހިތްތަކުގެ ހަމަޖެހުންކަމަށާއި، ޤައުމުގެ ދެމިއޮތުންކަމުގައި ފާހަގަކުރައްވައި، ޅަދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަރުދަނާ ޖީލެއްގެ ގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ދިވެހީންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ ނޭދެވޭ ކަމަކުން ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުވުމަށް އެންމެން ޢަޒުމު ކަނޑައެޅުމަށް އެދިވަޑައިގަތެވެ. އަދި ކުޑަކުދީންނަށްޓަކައި، ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު އެމަނިކުފާނު ވަނީ ކޮންމެ ދުވަހަކުވެސް ބޭނުންތެރި އާ ކަންކަން ދަސްކުރުމަށާއި، އެއްދުވަހަށްވުރެ ކާމިޔާބު އަނެއްދުވަސް ހޯދަން ޢަޒުމު ކަނޑައެޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ފަރުޟު ފަސްނަމާދު ކުރުމާއި، ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދިވެހި އާދަކާދަތަކަށް އަހުލުވެރިވެ، ޤައުމުދެކެ ލޯބިވުމަށް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މާދަމާ ދިވެހި ޤައުމާއިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އެންމެން އެކަމަށް މަސައްކަތްކޮށްދީގެންކަމުގައި ފާހަގަކުރެއްވިއެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު