ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މައްކާ ރޫޓް އިނީޝިއޭޓިވްގައި، ރާއްޖެ ހިމަނަންނިންމަވައިފި
ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވްގައި، ރާއްޖެ ހިމަނަންނިންމަވައިފި

މމުހައްމަދު އަލީ11 މޭ 2025
މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ ހައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ނިންމައިގެން ފުރުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހެން ހެދުމުން ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ސީދާ ހޮޓަލަށް ދެވޭނޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް އެހާމެ ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޙައްޖުވެރިންނަށް ލިބިގެންދިޔަ ތާރީޚީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، ސަޢޫދީ އަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ. މިކަންފަހިކުރުމަށް މަސައްކަތްކުރެއްވި ދެގައުމުގެ އެންމެހާ ފަރާތްތަކަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ. އޭގެ ތެރޭގައި ސަޢޫދީ އަރަބިއްޔާގެ ޢިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނުގެ ނަންފުޅު ފާހަގަކުރެއްވިއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ. 1446ވަނަ އަހަރުގެ ދިވެހި ޙައްޖު ވެރިންނަށް މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ޚިދުމަތްތައް
  1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
  2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
  3. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާ ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
  4. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
  5. ޙައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.
 

ގުޅުންހުރި ޚަބަރު