ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ހުޅުވައިފި
ޚަބަރު

ތެލެސީމިއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކޮށް، ހުޅުވައިފި

ހިރި ނިއުސްހިރި ނިއުސް26 މޭ 2025
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްދެއްވައިފިއެވެ. މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގގައެވެ. މި ހަފުލާގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ. ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް މި ސަރުކާރުން އަންނަނީ ދެއްވަމުންނެވެ. މިގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަޝްރޫޢު މަޑުޖެހިފައި އޮތުމުން އެ މަޝްރޫޢަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެ މަޝްރޫޢު އަވަހަށް ކުރިއަށްގެންދިއުމަށް ސިފައިންނާއި ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާއެވެ. ސިފައިންނާ ހަވާލުކުރުމުން އެބޭފުޅުން ވަނީ ގާތްގަނޑަކަށް 1 މަސް ދުވަސްތެރޭ އެ މަސައްކަތް ފުރިހަމަ ކުރައްވާފައެވެ. މި ސެންޓަރުގެ ޚިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ޚިދުމަތް ފޯރުކޮށްދެއްވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކުރައްވާފައެވެ. އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ. ހަމައެއާއެކު، އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވެއެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ޚިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުންވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ބަސް ކާޑެއް މިހާރު ވަނީ ތަޢާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ޚިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ. މި މަހު ކުރިއަށްދިޔަ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑުގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް. ބީ. އެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިހާރު ވަނީ އެކަން އެގޮތަށް ހަމަޖައްސަވާފައެވެ. މީގެ އިތުރުންވެސް، މި އަހަރުގެ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައި، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި، އެކަން ހަޤީޤަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު