ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
"އަމާން އައްސޭރި 2025" ނިންމާލައިފި
ޚަބަރު

"އަމާން އައްސޭރި 2025" ނިންމާލައިފި

ހިރި ނިއުސްހިރި ނިއުސް28 މޭ 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާ އެކު، "އަމާން އައްސޭރި 2025"ގެ ނަމުގައި ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތް، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވެއެވެ. މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެކެވެ. "އަމާން އައްސޭރި 2025" އާއި އެން.ޓީ.އާރް.ޕީ. ގެ އަމާޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހުމިއްޔަތުކަމަށް ޢަމަލީ ސިފަ ގެނަސް، ޤައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުމެވެ. މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، ޢަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. މިހިނގާ މޭ މަހުގެ 26 އިން 27 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ހަރަކާތް އިންތިޒާމުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ. މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ރައްކާތެރި، ވިލުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ޤައުމުން ހިއްސާކުރާ ޢަޒުމެވެ.
  • ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު