ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ނައިބު ރައީސް، ތަޖިކިސްތާނުގެ ބޮޑުވަޒީރުގެ އަރިހަށް
ޚަބަރު

ނައިބު ރައީސް، ތަޖިކިސްތާނުގެ ބޮޑުވަޒީރުގެ އަރިހަށް

ހިރި ނިއުސްހިރި ނިއުސް31 މޭ 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ތަޖިކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ބޮޑުވަޒީރު ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަށް ވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސީދާ ގޮތުން އޮތް ނުރައްކަލެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ފާޅުކުރެއްވިއެވެ. ދެގައުމުގެ މެދުގައި، ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކޮށް އެގުޅިން އިތުރަށް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުވާލައްވައިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުންވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ތަޖިކިސްތާނުން ވަނީ މި ސިނާއަތުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަކަމުގައި ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު