ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރަނގަޅު ފެންވަރުގެ އައިނު ދެހާސް ރުފިޔާއަށް
ޚަބަރު

ރަނގަޅު ފެންވަރުގެ އައިނު ދެހާސް ރުފިޔާއަށް

މމުހައްމަދު އަލީ31 މޭ 2025
އައިނަށް އާސަންދައިން ދޫކުރާ ފައިސާގެ އަދަދު 2000 ރުފިޔާއަށް ބޮޑުކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނޭގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް ކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅޫވީ ޕީއެސްއެމްއަށް ދެއްވި މި ބަސްދީގަތުމުގައެވެ. އެމަނިކުފާނު މިކަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އައުޖީއެމްއެޗާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށްކަމުގައި ރައީސް ވިދާޅުވިއެވެ. "އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމު ދެވަނަ ސިޔާސަތަކީ ޞިއްޙީ ދާއިރާ ތަރައްޤީކުރުންކަމުގައިވެސް ވިދާޅުވިއެވެ. އެއާއެކު، ޞިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހަމަ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، އެހެންކަމުން މި ސަރުކާރުން އިންސާނީ ވަޞީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްޤީކުރުމަށް އިސްކަންދެއްވާކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން މިހާރުވެސް ސިއްހީ ދާއިރާގައި 400 މިލިއަން ރުފިޔާއަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ. އަދި މާލެސިޓީ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙަތަށް ކުރެވޭ ހަޤީޤި އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެއްވަނީ މި ސަބަބާހުރެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު