ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އާބާދީ ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރަންޖެހޭ
ޚަބަރު

އާބާދީ ދޮށިވަމުންދާއިރު، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރަންޖެހޭ

ހިރި ނިއުސްހިރި ނިއުސް12 ޖުލައި 2025
ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވައި، ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ދަރިމައިވުމާއި ގުޅުންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޤައުމީ ޙަޤީޤަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޤައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ 'އެކްސް' އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާކަމަށާއި، އުމުރުގެ ގޮތުން ދޮށީ މުޖުތަމަޢެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަންވެސް ޕޯސްޓުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައެވެ.
  • ޚަބަރާއި ފޮޓޯ: ރައީސް އޮފީސް
   

ގުޅުންހުރި ޚަބަރު