ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
"މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"
ޚަބަރު

"މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"

އއިބްރާހީމްް ސަމީރު18 ޖުލައި 2025
ލަންޑަންގައި މިއަދު ހަވީރު ބޭއްވި "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މިއީ، ދިވެހިރާއްޖޭގެ، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ. އިނގިރޭސިވިލާތުގެ ކޯޕަރޭޓް ސެކްޓަރގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވާ މި ފޯރަމުން، ދެ ޤައުމުގެ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް ދޭ އަހުމިއްޔަތުކަން ފެނިގެންދިޔައެވެ. ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ވުނަކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެ ފަސް ދާއިރާއަކީ، އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މިއަދުގެ ފޯރަމްގައި އެ މަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ބްރޭންޑް "ފްރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްދެއްވާފައެވެ. މިފަދަ ބްރޭންޑެއްގެ މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމެވެ. މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވާހަކަދައްކަވަމުން، ކޮމަންވެލްތު އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ދަ ރައިޓް އޮނަރަބަލް ލޯޑް މާލަންޑް ވަނީ، މުސްތަޤުބަލަށްޓަކައި ދިވެހިރާއްޖެއިން ގެންގުޅޭ ސާފު ތަޞައްވުރަށް ވުނޭރުންގެ އިތުބާރު ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. "އިންވެސްޓިންގް އިން ދަ ފިއުޗަރ: އަ ޑަޔަލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން" – މި ޝިޢާރުގެ ދަށުން މިއަދުގެ ފޯރަމްގައި، މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށްގެންދަވާފައެވެ. މި ސެޝަންގެ ބައިވެރިންނަށް، ރާއްޖޭގެ ވަފުދާއެކު މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމާއި ފައިނޭންސިންގ ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ބައިވެރިންނާއެކު ޙިއްޞާކުރެވިފައިވެއެވެ. ޚަބަރު ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު