ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުއްވައިދެއްވައިފި
ޚަބަރު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުއްވައިދެއްވައިފި

މމުހައްމަދު އަލީ27 ޖުލައި 2025
ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން، މަރުޙަބާ ދެންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން ޢާއިޝާ ނޫރްއައިން ޖަނާހު އަދި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަން ފެށި އައު ޓަރމިނަލްގެ މަސައްކަތް ނިންމައި، އައު ޓަރމިނަލް ހުޅުވައިދެއްވުމަށް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިޔައެވެ. އެއަރޕޯޓް ގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ވަނީ އައު ޓަރމިނަލް ބައްލަވާލައްވާފައެވެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ. އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ. އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ދައުލަތުގެ ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންގެ އިތުރުން ޓަރމިނަލްގެ ތަރައްޤީއަށް އެހީތެރިވެދެއްވި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑާއި، އަބޫދާބީ ފަންޑާއި، އޯޕެކް ފަންޑުންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
  • ޚަބަރާއި ފޮޓޯ ރައީސްއޮފީސް

ގުޅުންހުރި ޚަބަރު