ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި
ޚަބަރު

ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހިރި ނިއުސްހިރި ނިއުސް4 އޮގަސްޓު 2025
ސައުވީސް ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރެއިނިންގ ކޭންޕުގެ ބައިވެރިންނަށް ޓީމްބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނުން ހުޅުމާލެ ފަރުކޮޅުފުށީގައި ކުރިއަށްގެންދާ 24 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ޓްރައިނިންގ ކޭންޕުގެ ބައިވެރިނަށް ހިންގި މިހަރަކާތަކީ ގުޅުންބަދަހިކޮށް، އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި، ކޮންފިޑެންސް އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި ޓީމްބިލްޑިންގ ހަރަކާތެއް ކަމަށެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސާއި ސްޕެސިއަލިސްޓް އޮޕަރޭޝަންސް ގުޅިގެންނެވެ. މިމަހުގެ 1ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމުލަ 237 ދަރިވަރުން ބައިވެރިވިއެވެ. ޓީމްބިލްޑިންގ މި ހަރަކާތްތައް ބަހާލެވިފައިވަނީ ތަފާތު އޮބްސްޓިކަލްތަކެއްގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ ފިޒިކަލް ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި އޮބްސްޓިކަލްތަކެކެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ މެދުގައި ވަރުގަދަ ޓީމެއް އެކުލަވާލައި، ކަންކަމުގައި ކެރިގެން ކުރިމަތިލުމަށް ހިތްވަރުދިނުމެވެ. އަދި "ނުވާނެއޭ" ހީކުރާ ކަންކަމާ ވެސް ކެރިގެން ކުރިމަތިލައިފިނަމަ ކާމިޔާބު ކުރެވޭނެކަން އަމިއްލަ ނަފުސަށް ގަބޫލުކޮށްދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބޭނުމެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 237 ދަރިވަރުން 4 ގްރޫޕަކަށް ބަހާލައިގެން ދެ ދަންފަޅިއަށެވެ. ކޮންމެ ދަންފަޅިއެއްގައި ދެ ގްރޫޕް ބައިވެރިވެފައިވެއެވެ. ޓީމްބިލްޑިންގ ހަރަކާތުގެ ތެރެއިން ސެލްފް ޑިފެންސް ހާއްސަ ކުލާހެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުލާހުގައި، ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި އަމިއްލަ ނަފުސު ރައްކާތެރިކުރާނެ ގޮތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ. މީގެ އިތުރުން، ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަނުގައި، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ބުލީކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ. އެގޮތުން، އެއްކުއްޖަކު އަނެއްކުއްޖަކަށް ބުލީކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ދިމާވެފައި ހުރިކަމާއި، މިފަދަ ކަމެއް ދިމާވާއިރު އެކަމުގެ ރައްދުވާ ފަރާތުގެ ހާލަތު އެނގުން މުހިންމުކަން ކިޔައިދީފައިވެއެވެ. އަދި ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ހައްގުތައް އެނގުމުގެ އިތުރުން، އެ ކުއްޖެއްގެ ޒިންމާތައް ވެސް އެނގި ދަސްކުރުން މުހިންމުކަން ކިޔައިދީފައިވެއެވެ. މި ހަރަކާތަކީ ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށް މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން ފާހަގަކޮށްފައިވެއެވެ.  

ގުޅުންހުރި ޚަބަރު