ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސް ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ
ޚަބަރު

ރައީސް ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެ

ހިރި ނިއުސްހިރި ނިއުސް24 އޮގަސްޓު 2025
ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބޭނޭ ކަމުގެ ޢަޒުމު އާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ. އެކްސް މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެ މަނިކުފާނު ވަނީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު ފުރޭ މި ދަނޑިވަޅުގައި، އެ ޛިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފު، ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު ދިރެމުންދާކަމަށް ވިދާޅުވެފައެވެ. އަދި މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް، ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު ހަނދާންކޮށްދެމުންދާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް މި އަހަރު ކުރިއަށްގެންދަވަނީ، އެ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނިސްބަތްވެވަޑައިގަންނަވާ ތިލަދުންމަތީ އުތުރުބުރީ އުތީމުގައެވެ. މާލޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ގެންދަވަނީ އުތީމުގައި ކުރިއަށްގެންދާ ޤައުމީ ދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އިސްތިޢުމާރުން ދިވެހި ޤައުމު މިނިވަންވުމާއި، އެ މިނިވަންކަމަށް ދިވެހީން ކުރި ޖިހާދުގެ ޛިކުރާ އާކުރުމުގެ މަޤްޞަދުގައެވެ. ޚަބަރާއިފޮޓޯރައީސްއޮފީސް

ގުޅުންހުރި ޚަބަރު