ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔޫ.އެން.އެޗް.އާރް.ސީއަށް އިންތިޚާބު ވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
ޚަބަރު

ޔޫ.އެން.އެޗް.އާރް.ސީއަށް އިންތިޚާބު ވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ހިރި ނިއުސްހިރި ނިއުސް26 އޮގަސްޓު 2025
މިހިނގާ 2025 ވަނަ އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި، އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫ.އެން.އެޗް.އާރް.ސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރްޙަބާ ވިދާޅުވެއްޖެއެވެ. އދގެ ވައިސް ޕްރެޒިޑެންޓްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިންނެވެ. މިކަމާ ގުޅިގެން 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ. ހަމަ މިއާއެކު، މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ މީހަކަށްވެސް އިންޞާފުވެރި، އެންމެންގެ ބައިވެރިވުން އޮތް، ޝާމިލު ދުނިޔެއަކަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ތަކުރާރުކުރެއްވިއެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު