ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނޫސްވެރިންގެ، މުޒާހަރާގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރޭ: ޕޮލިސް
ޚަބަރު

ނޫސްވެރިންގެ، މުޒާހަރާގައި ނަހަމަ ގޮތުގައި ބާރުގެ ބޭނުން ނުކުރޭ: ޕޮލިސް

ޟޟަމްރަތު އަހްމަދު18 ސެޕްޓެމްބަރު 2025
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގައި ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފައިނުވާނެކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން، މަޖިލީހުގެ ގެ ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމުން ފުލުހުންވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއިމ އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން ޑިޕްލޮއިކޮށްފައި ކަމަށެވެ. ހޯމްލޭންޑް މިނިސްޓްރީގެ އިއުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި ފުލުހުންގެ ހުއްދައެއް ލިޔުމުން ނުހޯދައި އެއްވެސް ބާވަތެއްގެ އެއްވުމެއް، ހިނގާލުމެއް އަދި އުޅަނދުބުރެއް ނުބޭއްވޭނެކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އެފަދަ ހުއްދައެއް ދީފައި ނުވާނެ ކަމަށާއި މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ހޯމްލޭންޑް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭކަމަށް ފުލުހުން ބުންޏެވެ. މަޖިލިސްގެ ގެ ހުންނަ ސަރަހައްދަކީ "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުންވެސް އެއްވުން މަނާ ސަރަހަދެއްކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު އަންގާރަ ދުވަހުގެ އެއްވުމަކީ ގާނޫނާހިލާފު އެއްވުމެއްކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނ،ީ ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ބުންޏެވެ. އެ މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސްއަޅައި ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާކަމަށް ފުލުހުން ބުންޏެވެ. އެހެންވެ އަމަން އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާނެކަމަށް ފުލުހުން ބުންޏެވެ. "ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެކަން ފާހަގަ ކުރަމެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމުގައ،ި ކޮންމެހެން އެހެންގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ހިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުމެވެ" ފުލުހުން ބުންޏެވެ. 16 ސެޕްޓެމްބަރު 2025، މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާގެ ކުރިމަތީގައި އިހުތިޖާޖު ކުރަނީ -- ވަން ފޮޓޯ/ މުހައްމަދު ހަމްދާން"މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް، ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން" އެގޮތުން މުޒާހަރާ ރޫޅައިލުމުގައިވެސް، އެފަދަ އޮޕަރޭޝަންތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކޮށް މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަހައްދުން ދުރަށް ޖައްސާފައިކަމަށް ފުލުހުން ބުންޏެވެ. މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލްކުރުމުގައިވެސް އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކަކީ، ގާނޫނާހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގިފައިވުމުގެ ސަބަބުން ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއްކަމަށް ފުލުހުން ބުންޏެވެ. ގާނޫނުއަސާސީން، ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ހިމެނޭގޮތުން، އެންމެހައި ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ފުލުހުންގެ ހިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ފުލުހުން ބުންޏެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު ފުލުހުން އަދާކުރަމުންދާނެކަމަށް ފުލުހުން ބުންޏެވެ. "ދިވެހި ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މިހާރު ދަނ،ީ 2025 ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުންނެވެ. މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ" ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންނަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ހިފަހައްޓައި ހަމަހަމަކަމާއި ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ޚަބަރު